ކުޅިވަރު

ވެލެންސިޔާއަށް މިވަނީ ކިހިނެއް؟ އެއީ ހައްޤު މަޤާމްތަ؟


ގޯލްގައި ހުރީ ރާއްޖޭގެ މިވަގުތު އެއްވަނަ ކީޕަރެވެ. ފުރަތަމަ އެގާރައިން ފެންނަ ހަމައެކަނި ދިވެހި ކީޕަރެވެ. ޤައުމީ ޓީމްގެ ގޯލް ބަލަހައްޓަމުންދާ މުޙައްމަދު ފައިސަލެވެ. 

ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ދިފާއުގައި ޓީމް ލީޑްކުރަން ހުރީ ޤައުމީ ޓީމްގެ މިހާރު ހުރި އެންމެ ތަޖުރިބާކާރު ޑިފެންޑަރ ޝާފިއު އަހުމަދެވެ. އޭނާއަށް އެހީވާން ހުރި މުޙައްމަދު ޝިފާން (ކުޑައްޓޭ) އަކީ މިހާރު ޤައުމީ ޓީމްގެ ކުޅުންތެރިއަކަށް ނުވިއަސް ރަން މެޑަލް ހޯދި ޓީމްގެ މުޙިއްމު ކުޅުންތެރިއެކެވެ. މިހާރުވެސް އޭނާ ހުރީ ރަނގަޅު ހާލަތުގައެވެ. މީގެއިތުރުން ޓީމްގައި ބިދޭސީ ތިން ކުޅުންތެރިން އެބަތިއްބެވެ. ތަފާތު މޮޅު ތިން ކުޅުންތެރިންނަށް ނުވިޔަސް ކަކާއާއި ވެސްޓަކީ ކުރިންވެސް ރާއްޖޭގައި ކުޅެ، ފެންވަރު އިނގޭ ކުޅުންތެރިންނެވެ. އެދެ ކުޅުންތެރިންގެ ލަފާގެ މަތިން ގެނައި ޕްރިންސްގެ ފަރާތުންވެސް އެވްރެޖް ފެނެއެވެ. ޓީމްގައި ދެން ތިބީ އަބަދުވެސް އެއް ފެންވަރެއްގައި ހިފަހައްޓަމުން އަންނަ އެވްރެޖް ކުޅުންތެރިންނެވެ. އަހުމަދު ރިލްވާންއާއި، އަހުމަދު ވިޝާމްއާއި ހިސާމް ސަލީމް ފަދަ ކުޅުންތެރިންނެވެ. މި ކުޅުންތެރިންނާއެކު ވެލެންސިޔާގެ ސްކޮޑަކީ އެންމެ ވަރުގަދަ ތިނެއް ނުވަތަ ހަތަރު ޓީމްގެ ތެރޭގައި ނުހިމެނިދާނެއެވެ. ނަމަވެސް މި ސްކޮޑާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު ނަން އޮންނަންނީ ފުރަތަމަ ޑިވިޝަންގައި ދެމި އޮތުން ގުޅިފައިވާ ލީގުގެ އެންމެ ފުލުގައި ތޯއެވެ؟ މި ސްކޮޑާއެކު ވެލެންސިޔާއަށް ހައްޤުވާ މިންވަރަކަކީ 5 މެޗުން 1 ޕޮއިންޓް ތޯއެވެ؟ މި ސްކޮޑާއެކު ވެލެންސިޔާއަށް މޮޅެއް ހައްޤުވާވަރެއް ނުވޭތޯއެވެ؟ ސުވާލަކީ މިއީއެވެ.

" މިއީ ވެލެންސިޔާ އޮންނަން ޖެހޭ ހިސާބެއް ނޫން. ވެލެންސިޔާގެ މަޤާމެއް ނޫން މިއީ. ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އެބަހުރި. ރަނގަޅު ކުރަމުން މިދަނީވެސް " ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)ގެ ޖަވާބަކީ މިއީއެވެ. 

ދެން އޮތް ސުވާލަކީ މިދިޔަ އަހަރު އެފްއޭއެކަޕްގެ ޗެމްޕިއަންކަން ހޯދި ވެލެންސިޔާއަށް އޭއެފްސީކަޕްގެ ޕްލޭއޯފުން ފުރުޞަތު ލިބި، ގްރޫޕް ސްޓޭޖަށް ދާން މަގު ފަހިވުމުން އެވަރުގެ ތައްޔާރީއެއް ޓީމްގެ ފަރާތުން ފެނުންތޯއެވެ. މިދިޔަ އަހަރު ޓީމްގައި ތިބި މުޙިންމު ކުޅުންތެރިންގެ ތެރެއިން މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ) ޓީމް ދޫކޮށްލިއެވެ. ހަސަން އަދުހަމް (ސަޑޭ) ޓީމް ދޫކޮށްލިއެވެ. އަވީލޯއެއް ނުގެނެއެވެ. އަކްރަމް އަބުދުލްޣަނީވެސް އަގުބޮޑުވުމުން ދޫކޮށްލީއެވެ. އެކުޅުންތެރިން ފޫބައްދަން ކުރެވުނީ ކޮން މަސައްކަތެއްތޯއެވެ؟ މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ބީޖީގެ ދެތިން ކުޅުންތެރިއަކު ގެނައުން ފިޔަވާ ކުރެވުނު ކަމެއް ހަޤީޤަތުގައި ފެންނާކަށް ނެތެވެ. 

އޭއެފްސީކަޕްގެ ޕްލޭއޯފްއާއި ކުރިމަތިލީ ރަނގަޅު ހައެއްކަ ޕްރެކްޓިސްއާއެކުގައެވެ. ކުޅުންތެރިން ހަމަކޮށް ޕްރެކްޓިސް ފެށުން އިރު ޓީމް ތައްޔާރުކުރާކަށް ވަގުތެއް ނެތެވެ. ކޯޗިންގ ޓީމުން އޭރުވެސް އެކަން ފާހަގަކުރިއެވެ. މިތައްޔާރީއަށް ބަލާއިރު ވެލެންސިޔާ މިހާރު އޮތް މަޤާމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތެވެ. ނަމަވެސް ވެލެންސިޔާގެ މިހާރު އޮތް ސްކޮޑާއެކު ފުލްގައި އޮންނަން ޖެހޭ ސަބަބެއްވެސް ނެތެވެ. 

img:http://s1.psmnews.mv/images/660x400/14930076819526.jpg|ވެލެންސިޔާގެ ކޯޗު ފެސްކޯ، އަދި އެސިސްޓެންޓް ކޯޗު އިޤްބާލް ބަލަހައްޓައިގެން: މައްސަލަތައް ހުރިކަމަށް ޤަބޫލުކުރޭ: ފޮޓޯ-ޕީއެސްއެމް

ހަޤީޤަތުގައި ޓީމްގެ ކޯޗަކ އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. ޓެރޭނަރެއްގެ ގޮތުން ޓީމް ބައްޓަން ކުރުމުގެ ހަޤީޤީ ޒިންމާ ނަގަނީ ކުޑަހީނާއެވެ. މިހާރު ހުރިހާ ޒިންމާއެއް ނަގަން ޖެހިފައިވަނީ ހެޑްކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) އަށެވެ. ކުޑަހީނާ ޕްރެކްޓިސްއަކުންވެސް އަދި މެޗަކުންވެސް ނުފެނެއެވެ. ޓީމްގެ ހާލަތު ރަނގަޅު ނުވުމުން ނުވަތަ މައްސަލަތަކެއް އުޅޭތީ ކުޑަހީނާ ދުރަށް ދިޔައީކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަނަމަވެސް އެކަން ފެސްކޯ ދޮގުކުރެއެވެ.

" ކުޑަހީނާ ހަމަ ބަލީ. މާކުރިން ފެށިގެންވެސް އޭނާ ގޭސް މައްސަލަ ހުރޭ. ހަމަ ހިފަހައްޓާ ނުލެވިގެން މިވަގުތު ދުރުގައި އެހުރީ. އޭނާ ނެތީމަ ހަޤީޤަތުގައި އަހަންނަށް ވަރަށް އުނދަގޫވެސްވޭ" ފެސްކޯ ބުންޏެވެ. 

މިއަހަރުގެ ސީޒަންގައި މާލޭ ލީގުގައި މިހާތަނަށް ވެލެންސިޔާ 5 މެޗު ކުޅެފައިވާއިރު ބައިކޮޅަށް 9 ލަނޑު ވަދެއްޖެއެވެ. އެންމެ ގިނަ ލަނޑު ވަދެފައިވަނީ ޤައުމީ ކީޕަރު ބަލަހައްޓަމުން އަންނަ ގޯލަށެވެ. ޖެހުނީ އެންމެ ގޯލެކެވެ. ފުރަތަމަ ބުރުގައި އެޓީމަށް ބާކީ އޮތީ ދެ މެޗެވެ. އެހެންކަމުން ދިވެހި ލީގަށް ކޮލިފައިވުމުގެ ބިރު އިންތިހާއަށް ބޮޑެވެ. މިއީ ވެލެންސިޔާގެ މަޤާމެއް ނޫނެވެ. ފޭން ބޭސް ބޮޑު ވެލެންސިޔާގެ ސަޕޯޓަރުންގެ ހިތަށް މިނަތީޖާތަކުން އަސަރު ކުރާނެއެވެ. ދިވެހި ލީގުން ވެލެންސިޔާ ފެންނަން އެދޭ މީހުންގެ އަދަދު މަދެއް ނޫނެވެ. ވެލެންސިޔާގެ ފަހަތުން ވިކްޓްރީވެސް އޮތީ މިފަދަ ހާލަތެއްގައެވެ. އިތުރަށް އޮތީ އެއް ޕޮއިންޓެވެ. އެއީވެސް ފުޓްބޯޅަ ސަޕޯޓަރުންގެ ބޮޑު އަދަދަކަށް ހިތްދަތި ނަތީޖާއެކެވެ.