އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު ވެލެންސިޔާ ބަލިކޮށް، ލީގުގެ ފުރަތަމަ މޮޅު ޔުނައިޓެޑް ވިކްޓްރީ ހޯދައިފިއެވެ.
މިރޭ ކްލަބް ވެލެންސިޔާ އާއި ވާދަކޮށް، ޔުނައިޓެޑް ވިކްޓްރީ މެޗު ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މިމެޗުގައި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފްގެ 30 ވަނަ މިނިޓުގައި ޔޫވީއަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރ ނާވީ މުހައްމަދެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔޫވީ ވަނީ މާލޭ ލީގުގެ ޕޮއިންޓް ތާވަލްގެ އެންމެ ފުލުން ސަލާމަތްވެ، ލީގުގެ ހަ ވަނައަށް ޖެހިލާފައެވެ.
މިމެޗުން ބަލިވި ވެލެންސިޔާ މިހާރު އޮތީ ކުޅުނު ފަސް މެޗުން އެއް ޕޮއިންޓާއެކު ލީގު ތާވަލްގެ އެންމެ ފުލުގައެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފުރަތަމަ ތިން ޕޮއިންޓް ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ.
"ފުރަތަމަ ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގައި އެހެން ޓީމުތަކާ ވާދަކުރުމަށް މިއީ އެޅުނު ރަނގަޅު ފިޔަވަޅެށް. މެޗުން މޮޅުވީ ޓީމުގެ ކުޅުންތެރިން މެޗުން މޮޅުވުމަށްޓަކައި ދެއްކި ހިތްވަރާއި ކުރި މަސައްކަތުން. ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ނަޒީހު ބުންޏެވެ.
ނަޒީހު އިތުރަށް ބުނީ މަދު ކުޅުންތެރިންތަކަކާއެކު ލީގުގައި ކުރިއަށްދާން ޖެހުމުން ވަރަށް ދަތިވާކަމަށެވެ.
"ޕްރެކްޓިސްއަށް ކީޕަރުންނާއި ލައިގެން ހަމަވަނީ ފަނަރަ ވަރަކަށް ކުޅުންތެރިން. މިހާރު މަސައްކަތް ކުރަމުން މިދަނީ ޓީމު ލިސްޓުގައި ހިމެނޭ އެހެންނަމަވެސް ޕްރެކްޓިސްތަކަށް ނާންނަ ކުޅުންތެރިން ބޭރުކުރުމަށްފަހު ޕްރެކްޓިސްއަށް އާދެވޭ ވަރުގެ ކުޅެންތެރިން ހޯދައިގެން ކުރިއަށްދާން." ލީގުގެ މެދުތެރެއިން ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
މިމެޗުން ބަލިވި ކްލަބް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުޅުންތެރިން މެޗުގައި މަސައްކަތް ކުރިކަމަށާއި، އެހެންނަމަވެސް ބަލިވީ ގޯލެއް ނުޖެހުމުގެ ސަބަބުން ކަމަށެވެ.
މުޖުތަބާ އިތުރަށް ބުނީ ޓީމުގައި ކޮންމެވެސް ކަހަލަ މައްސަލަތަކެއް އުޅޭ ކަމަށެވެ.
"ކޮންމެވެސް މައްސަލައެއް ޓީމުގައި އެބައުޅޭ. މެނޭޖްމަންޓާއި ކޯޗިންގ ޓީމު ގުޅިގެން މަސައްކަތް ކުރަމުންމިދަނީ މިމައްސަލަތައް ހައްލުކުރުމަށް." ފެސްކޯ ބުންޏެވެ.
ވެލެންސިއާގެ ކޯޗު މުޖުތަބާ ވަނީ ކޯޗުން ޓީމުން މަސައްކަތްކުރަމުންދާނީ މެޗުތަކުގައި ހެދޭ މިސްޓޭކްތައް ތަކުރާރުވިޔަ ނުދީ ޓެކްނިކަލް ކަންތައްތައް ރަނގަޅުކުރަން ކަމަށެވެ..