މިދިޔަ ދެ ސީޒަނެއްގައި ދަށްކޮށް ދިޔަ ނަމަވެސް، މިފަހަރުގެ ސީޒަންގައި ފެނިގެން އެ ދަނީ އަސްލު ނިއުރޭޑިއަންޓް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗް މުހައްމަދު ނިޒާމު ބުނެފިއެވެ.
މާލޭ ލީގުގައި މިރޭ ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމް ބުނީ މީގެ ކުރިން ނިއުރޭޑިއަންޓަކީ އަބަދުވެސް ރާއްޖޭގެ އެއް ނަމްބަރު ކްލަބް ކަމަށާއި، އެހެންނަމަވެސް މިދިޔަ ދެ ސީޒަނެއްގައި އެ ޓީމު ތަންކޮޅެއް ދަށްކޮށް ދިނަ ނަމަވެސް އަނެއްކާ މިހާރު ފެނިގެން އެ ދަނީ އަސްލު ނިއުރޭޑިއެންޓް ކަމަށެވެ. އެހެންކަމުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އެވަރު ދަނެގެން ނިއުރޭޑިއަންޓަށް ކުރަންޖެހޭ ފުރިހަމަ އިޙްތިރާމް ކޮށްގެން ކަމަށް ނިޒާމް ބުންޏެވެ. މިދިޔަ ދެ ސީޒަންގައި ޓީސީން ހޯދި ކާމިޔާބީއާއި، އަދި ޓީސީގެ ފަރާތުން ފެނުނު ކުޅުން މި ސީޒަންގައިވެސް ތަކުރާރުކުރަން މަސައްކަތް ކުރާނެކަމަށް ނިޒާމް ބުންޏެވެ.
" މިފަހަރު ފެނިގެން އެ ދަނީ ނިއުރޭޑިއެންޓްގެ އަސްލު ފެންވަރު، އަސްލު ނިއުރޭޑިއެންޓް އެ ފެންނަނީ، މިދިޔަ ދެ ސީޒަނެއްގައި ނިއު ދަށްކޮށް ދިޔަ ނަމަވެސް މިހާރު އެ ޓީމު ވަރަށް ވަރުގަދަ، މެޗަށް ނިކުންނާނީ އެކަން ދަނެގެން އެ ޓީމަށް ފުރިހަމަ އިޙްތިރާމް ކޮށްގެން." ނިޒާމް ބުންޏެވެ.
ނިއުރޭޑިއަންޓް ކޯޗް ފެނާންޑޯ ޓަވަރޭޒް ބުނީ ޓީސީއަކީ ވަރަށް މޮޅު ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫންކަމަށެވެ. އެހެންކަމުން މެޗުން މޮޅުވާން ކުޅުންތެރިންނަށް ހިތްވަރު ލިބޭނީ ސަޕޯޓަރުންގެ ފަރާތުން ކަމަށާއި، ސަޕޯޓަރުން ވީހާވެސް ގިނައިން ދަނޑަށް ވަނުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ.
ޓަވަރޭޒް ބުނީ ޓީސީގެ ފޯވާޑް ލައިންގައި ތިބި ތިން ކުޅުންތެރިންނަކީ ތަފާތު މޮޅު ތިން ކުޅުންތެރިން ކަމަށާއި، އެހެންނަމަވެސް މޭން މާކް ކޮށްގެން ނުކުޅޭނެކަމަށެވެ.
"ޓީސީއަކީ ވަރަށް ވަރުގަދަ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް، އެ ޓީމު ބަލިކުރުމަކީ ފަސޭޙަކަމެއް ނޫން، އެހެންނަމަވެސް ގިނަ ސަޕޯޓަރުން ދަނޑަށް ގޮސް މެޗް ފޯރި ގަދަކޮށްލައިފިނަމަ މެޗުން މޮޅުވެ ފުޓްބޯޅައިގެ ފޯރި ގަދަވެގެން ދާނެ." ޓަވަރޭޒް ބުންޏެވެ.
މާލޭ ލީގު ތާވަލްގެ ހަތަރު ވަނާގައި ޓީސީ އޮތީ ހަތް ޕޮއިންޓާއެކުއެވެ. މި މެޗުން މޮޅުވެ ލީގުގެ އެއްވަނައަށް އެރުމުގެ ފުރުޞަތު ޓީސީއަށް ލިބިގެންދާއިރު ނިއުރޭޑިއެންޓަށްވެސް މި މެޗުން މޮޅުވެ ދެ ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލްގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ނިއުރޭޑިއަންޓް މިވަގުތު އޮތީ ތާވަލްގެ ދެވަނާގައި ނުވަ ޕޮއިންޓާއެކުއެވެ. ތާވަލްގެ އެއްވަނާގައި ގްރީން ސްޓްރީޓް އޮތީ ދިހަ ޕޮއިންޓާއެކުއެވެ.