ކުޅިވަރު

ރެޑިންގ އެފްސީން ނިއުއަށް ތަމްރީންގެ ދެ ފުރުޞަތު ދީފި


އިނގިރޭސި ކްލަބް ރެޑިންގ އެފްސީއާއެކު ރާއްޖޭގެ ނިއުރޭޑިއަންޓުންވީ އެއްބަސްވުމުގެ ދަށުން ޒުވާން ދެ ކުޅުންތެރިން ތަމްރީން ކުރުމުގެ ފުރުޞަތު ދީފިއެވެ. 

ނިއުރޭޑިއަންޓްގެ ޒުވާން ދެ ކުޅުންތެރިންނަށް ރެޑިންގ އެފްސީގެ އެކަޑަމީގައި ކުރު މުއްދަތުގެ ތަމްރީން ހޯދުމުގެ ފުރުޞަތުދިންކަން ބަޔާންކޮށް އެކްލަބުން ވަނީ ނިއުރޭޑިއަންޓަށް ރަސްމީކޮށް ސިޓީ ފޮނުވާފައެވެ. އެސިޓީގައިވާގޮތުން ޒުވާން ދެ ކުޅުންތެރިންނަށް ފުރުޞަތު ދެނީ ހަތަރު ހަފްތާގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާށެވެ. ނަމަވެސް އެ ހަތަރު ހަފްތާގައި ކުރިއެރުން ހޯދާ ފެންވަރު ސާބިތުކޮށްދީފިނަމަ ދިގުމުއްދަތުގެ ތަމްރީން ފުރުޞަތު ދޭނެކަމަށް ރެޑިންގ އެފްސީން ނިއުރޭޑިއަންޓަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. 

ރެޑިންގ އެފްސީން އެދިފައިވަނީ 16-18 އަހަރާ ދެމެދުގެ ދެ ކުޅުންތެރިންގެ ސީވީ ވީޑިއޯއާއެކު އެކްލަބަށް ފޮނުވުމަށެވެ. ތަމްރީންގެ މުއްދަތުގައި ކެއުމާއި ހުރުން ހަމަޖައްސައިދެނީވެސް ރެޑިންގ އެފްސީގެ އެކަޑަމީގެ ފަރާތުންނެވެ.

ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒު ވިދާޅުވީ ރެޑިންގ އެފްސީގެ ފުރުޞަތު ކްލަބުން ޤަބޫލުކޮށް ދެ ކުޅުންތެރިން އެކްލަބްގެ އެކަޑަމީގައި ތަމްރީން ހޯދަން ފޮނުވާނެކަމަށެވެ. ނަމަވެސް އެކަން ކުރެވެން އޮތީ ކްލަބްގެ ޒުވާން ޓީމް އެކުލަވާލައިގެންކަމަށެވެ.

" އަޅުގަނޑުމެން ކްލަބްގެ ސޯޅަ އަހަރުން ދަށުގެ ޓީމާއި، 19 އަހަރުން ދަށުގެ ޓީމް ވަރަށް އަވަހަށް އެކުލަވާލާނަން. އެފްއޭއެމްއިން ދަނޑު ހަމަޖައްސައިދިންހާ އަވަހަކަށް ސިލެކްޝަން ބާއްވާނަން. އޭގެތެރެއިން ރަނގަޅު ދެ ކުޅުންތެރިން ތަމްރީން ހޯދަން ފޮނުވާނީ " އެއުމުރު ފުރާގެ ހުރިހާ ކުޅުންތެރިންނަށްވެސް ފުރުޞަތު އޮތްކަން ފާހަގަކުރައްވަމުން ނިޔާޒު ވިދާޅުވިއެވެ. 

ރެޑިންގ އެފްސީން ނިއުރޭޑިއަންޓަށް އެހީވެދީ، އެކަޑަމީން ފުރުޞަތު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު މާލޭގައެވެ. ރެޑިންގ އެފްސީއަކީ ކުރިން އިނގިރޭސި ޕްރިމިއަރ ލީގުގައިވެސް ވާދަކުރި ކްލަބެކެވެ. މިހާރު އެކްލަބް ވާދަކުރަމުން އަންނަނީ އިނގިރޭސި ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޗެމްޕިއަންޝިޕްގައެވެ.