ޚަބަރު

ޤާސިމް އިބްރާހީމް، ދަޢުވާއަށް އިންކާރުކުރައްވައިފި


ރިޝްވަތުދިނުމާއި ޖިނާޢީ އެހެން ބޮޑެތި މައްސަލަތަކެއްގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވާ، ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.

ޤާސިމްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ރަސްމީގޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒުފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނުކަމުގެ ކުށުގެ ދަޢުވާއާއި ވޯޓް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާއެވެ.

ޤާސިމްގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުވެސް ވަނީ މި މައްސަލަތަކަށް އިންކާރުކޮށްފައެވެ. ޤާސިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފްކަމަށް ބުނެ އެ ދަޢުވާތައް ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ޤާސިމްގެ ޤާނޫނީ ޓީމުން އިޖްރާޢީ ނުކުތާތަކެއް ނަގާފައިވެއެވެ. އެހެންމަވެސް އެ ނުކުތާތަކާމެދު ގޮތެއް ނިންމަވައި، މައްސަލަ ކުރިޔަށް ގެންދިޔުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމަވާފައެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ޖާވާބްދާރީވުމަށް ޤާސިމަށް  ފުރުޞަތު ދެއްވުމަށްފަހުގައެވެ. އަދި ދެން އޮންނަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކިން ހުށައަޅަންޖެހެއެވެ.