ކުޅިވަރު

ބީއޭސީގައި ވާދަކުރުމަށް މައިޝާ ޗައިނާއަށް


ބެޑްމިންޓަން އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް މައިޝާ ފަތުހުﷲ ޗައިނާއަށް ފުރައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލޫމާތުދިން ގޮތުގައި މިމުބާރާތުގައި ވާދަކުރުމަށް ރާއްޖެއިން ކޮލިފައިވެފައިވަނީ މަޢިޝާގެ އިތުރުން ޒަޔާން ޒަކީއެވެ. އަނިޔާގެ ސަބަބުން ޒަޔާންއަށް މުބާރާތުގައި ބައިވެރިއެއް ނުވެވެއެވެ. މިމުބާރާތުގައި މައިޝާ ވާދަކުރާނީ ސިންގަލްސް އިވެންޓްގައިކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލުމާތުދިނެވެ. 

ވޯލްޑް ރޭންކިންގއަށް ބަލައިގެން އޭޝިޔާގެ ކޮންމެ ޤައުމަކަށްވެސް ވަނީ މުބާރާތުގައި ވާދަކުރަން ދެ ޖާގަ ދީފައެވެ. މައިޝާއަށްވެސް ފުރުސަތު ލިބިފައިވަނީ ވޯލްޑް ރޭންކިންގއަށް ބަލައިގެންކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލުމާތުދިނެވެ 

މިމުބާރާތަކީ ވޯލްޑް ރޭންކިންގއަށް ޕޮއިންޓް ގުނާއިރުވެސް އެންމެ މުހިންމު އެއް މުބާރާތްކަމަށާއި، ވޯލްޑް ރޭންކިންގައި ޕޮއިންޓް މައްޗަށް ޖެއްސުމަށް މިއީ މައިޝާއަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްކަން ބެޑްމިންޓަން އެސޯސިއޭޝަނުން ފާހަގަކުރެއެވެ.