ވިޔަފާރި

ކިވީ 2017 ބައިވެރިވުމުގެ ފުރުޞަތު ސަބާގެ މެމްބަރުންނަށް..!


މި އަހަރުގެ ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮރެއަން އިންޓަރނޭޝަނަލް ވިމެން އިންވެންޝަން އެކްސްޕޮޒިޝަން، ކިވީ 2017 ގައި ބައިވެރިވުމުގެ ފުރުޞަތު ސަބާ މޯލްޑިވްސްގެ މެންބަރުންނަށް ހުޅުވާލައިފިއެވެ.

ކޮރެޔާގެ ސޯލްގައި ޖޫން މަހުގެ 8 ން 11 އަށް ބާއްވާ ކިވީ އެކްސްޕޯއަކީ، އުފެއްދުންތެރި އަންހެނުންގެ ގްލޯބަލް ނެޓްވާކެއް ޤާއިމްކޮށް، އެ އުފެއްދުންތައް ކުރިއަރުވާނެ ގޮތްތައް ދަސްކޮށްދިނުމާއި، މާރކެޓް ހޯދައިދިނުމާއި، އެ އުފެއްދުންތައް ޙިމާޔަތްކޮށްދިނުމަށް އެހީތެރިވެދޭ އެކްސްޕޯއެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ސަބާ މޯލްޑިވްސްއަކީ ދިވެހި އަންހެނުން އުފައްދާ ތަފާތު ބާވަތްތައް މާރކެޓްކޮށް ތަކެތި އުފައްދާ ފަރާތްތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ސަބާ މޯލްޑިވެސްގެ މެމްބަރުންނަށް ހުޅުވާލާފައިވާ މި ފުރުޞަތުގެ ސަބަބުން ސަބާ މޯލްޑިވްސްގެ މެންބަރުންގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރާނެ ގޮތްތައް ދަސްވެ، ކިވީއާ ގުޅުން ބަދަހިކޮށް، ތަމްރީން ފުރުޞަތުތައް ހޯދުމަށް މަގުފަހިވާނެކަމަށް އެ މިނިސްޓްރީން ދެކެވަޑައިގަންނަވައެވެ. އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ސަބާ މޯލްޑިވްސްގެ މެންބަރުން އޭޕްރިލްމަހުގެ 25 ގެ ކުރިން ނަން ނޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ފުރުޞަތު ހުޅުއްވާލައްވާފައެވެ.

ސަބާ މޯލްޑިވްސް ޕްރޮޖެކްޓަކީ ސާރކް ޑިވްލޮޕްމަންޓް ފަންޑުން ޚަރަދު ކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ.