ޚަބަރު

19 ވަނަ ސިފައިންގެ ފޮޓޯ މަޢުރަޒު ނިލަންދޫގައި ފަށައިފި


ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ސިފައިންގެ 19 ވަނަ ފޮޓޯ މަޢުރަޒު ފ. ނިލަންދޫ ގައި ފަށްޓަވައިފިއެވެ. މިއަހަރުގެ މަޢުރަޒު ކުރިއަށް ގެންދަވަނީ ސިފައިންނާއި ނިލަންދޫ ކައުންސިލާއި ގުޅިވަޑައިގެނެވެ.

ސިފައިންގެ 19 ވަނަ ފޮޓޯ މަޢުރަޒު ފެށުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދުއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވައިސް ވަޙީދު ވަނީ ސިފައިންގެ މަސައްކަތްތަކަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ސިފައިންގެ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ވައިސް ވަޙީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެދޭ އެދުމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ވަކި ބަޔަކަށް އޮތް ކަމެއްނޫންކަން. އެކަން ޒިންމާކުރެވިފައި އޮތީ ސީދާ އަޅުގަނޑުމެންނަށް ކަމުގައިވިޔަސް އެއީ ކޮންމެ ދިވެހި ފަރުދަކަށް އޮތް ފަރުދީ ޒިންމާއެއް. އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ." ވައިސް ވަހީދު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14928574539738.jpg|19 ވަނަ އެމްއެންޑީއެފްގެ ފޮޓޯ މަޢުރަޒުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވާ މި މަޢުރަޒަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ. މި މަޢުރަޒުގައި، 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކުގެ ފޮޓޯތައް ހިމަނާފައިވެއެވެ. އަދި  ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކޮށްފައިވާ ހުރި މަސައްކަތްތަކުގެ ފޮޓޯތަކާއި ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް ވެސް މަޢުރަޒުގައި ބަހައްޓާފައިވެއެވެ.

ޕިއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލް ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެގެން ހުންނެވި އިސްވެރިޔާ މުނީރާ އިބްރާހީމް ވިދާޅުވީ މި ފޮޓޯ މަޢުރަޒު އެރަށުގައި ބޭއްވުމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ އިޖުތިމާޢީ ގުޅުން އިތުރަށް ބަދަޙިވެގެންދާނެކަމަށެވެ.

"މި މައުރަޒުގެ ސަބަބުން ދާއިރާގެ ބޭފުޅުންނާއި އެމް.އެން.ޑީ.އެފް އާއި ދޭތެރޭގައި ރަނގަޅު ގުޅުމެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. އަޅުގަނޑުމެން އުއްމީދުކުރަނީ މިފަދަ އިތުރު ޕްރޮގްރާމްތަކެއް މިރަށުގައި ކުރިއަށްދިއުން." މުނީރާ އިބްރާހީމް ވިދާޅުވިއެވެ. 

ފޮޓޯ މަޢުރަޒާއި ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއްވެސް އެ ރަށުގައި ބާއްވާފައިވެއެވެ. ކުޑަކުދިންގެ ހަވީރުގައި ސިފައިންނާއި ނިލަންދޫގެ އެކިއެކި މުއައްސަސާތަކުން ސްޓޯލްތައް ބައިވެރިކޮށްފައިވެއެވެ.

ސިފައިންނާއި އެކު މިފަދަ ވަގުތުކޮޅެއް ހޭދަކޮށް، ސިފައިންގެ ބައެއް މަސައްކަތްތައް ތަޖުރިބާކޮށްލަން ފުރުޞަތު ލިބުމުން އެރަށުގެ ކުދިން ތިބީ ވަރަށް ބޮޑަށް އުފާވެ، ހިތްހަމަޖެހިފައެވެ. ސިފައިންގެ ފޮޓޯ މަޢުރަޒަކީ ކޮންމެ އަހަރަކު ވެސް ދެ ފަހަރު ބާއްވާ މަޢުރަޒެކެވެ. އެއީ ސިފައިންގެ އަހަރީ ދުވަހާއި ގުޅުވައިގެންނާއި ނަޞްރުގެ ދުވަހާއި ގުޅުވައިގެނެވެ. އެންމެ ފަހުން ފޮޓޯ މަޢުރަޒު ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވ. ފުލިދޫގައެވެ.