ޚަބަރު

އާރތު ޑޭ ފާހަގަކުރުމަށް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


ބައިނަލްއަޤްވާމީ އާރތް ޑޭ ފާހަގަކުރުމުގެ ގޮތުން މާލޭ ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް އައިލެންޑް އޭވިއޭޝަނުން ކުރިޔަށް ގެންގޮސްފިއެވެ.  

އައިލެންޑް އޭވިއޭޝަނުން އިސްނަގައިގެން މިއަދު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ޕްރޮގްރާމްގައި، އިސްކަންދަރު މައިޒާން ސަރަހައްދުން ފެށިގެން ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދާ ހަމައަށް ވަނީ ސާފުކޮށްފައެވެ. މި ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މާކެޓިން މެނޭޖަރ ޝަމާ ބުޝްރީ ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށްވެފައި، މާލެ ސިޓީއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، މާލޭއަކީ ސާފުތާހިރު ރީތިތަނެއްގެ ގޮތުގައި ދެއްކުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14928559199502.jpg|އާރތް ޑޭ ފާހަގަ ކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނުން ކުރިޔަށް ގެންދިޔަ މާލޭ ސިޓީ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މާލެ ސިޓީ ސާފު ކުރުމުގެ މި ޙަރަކާތުގައި އައިލެންޑް އޭވިއޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އާރތްޑޭއަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާމެދު އާއްމުން ހޭލުންތެރިކުރުވާ، އެކަމާގުޅޭ މަޢުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުވައިދިނުމުގެ މަޤްޞަދުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެންވަޔަރަމަންޓަލް އެންޑް ކްލައިމެޓް ލިޓްރެސީ" މި ޝިޢާރެވެ.