ކުޅިވަރު

ލީގުގައި ވާދަ ނުކުރާނެ ދެރަ އެއްވެސް ޓީމެއް - ފެސްކޯ


އެއް ހަފްތާގެ ރަނގަޅު ޕްރެކްޓިސްއަކަށްފަހު މާދަމާ ރޭގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ވެލެންސިޔާގެ ކޯޗް އަހުމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

މާލޭ ލީގުގައި މާދަމާ ރޭ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ މި މުބާރާތުގައި ވާދަކުރާ އެއްވެސް ޓީމަކީ ދަށް ޓީމެއް ނޫން ކަމަށާއި، ޔުނައިޓެޑް ވިކްޓްރީއަކީވެސް ވަރަށް އޮގަނައިޒް ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށެވެ. އެހެންކަމުން އެ ޓީމާ ދެކޮޅަށް ނިކުންނައިރު ފަސޭޙަ ކޮށްލައިގެން ނުނިކުންނާނެކަމަށް ފެސްކޯ ބުންޏެވެ. އޭނާ ބުނީ ޓީމުގައި މައްސަލަތައް އުޅޭނެ ކަމަށާއި، އެ ކަންކަމަކީ އެހާ އަވަހަށް ހައްލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ކަންކަން ހަމަޔަކަށް އެޅި ހައްލުވަމުން އަންކަމަށް ފެސްކޯ ބުންޏެވެ.

" ޔުނައިޓެޑް ވިކްޓްރީއަކީވެސް ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް، އެކަން އަހަރުމެންގެ ކުޅުންތެރިންނަށް ވިސްނައިދެމުން މި ދަނީ، މެޗް ފަސޭހަކޮށްނުލައި މެޗުން މޮޅުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެކަން އަންގައިދެމުން މި ދަނީ."ފެސްކޯ ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީޙު މާލޭގައި ނެތުމުގެ ސަބަބުން ބައިވެރިއެއް ނުވެއެވެ. 

މިދެޓީމަކީ ލީގުގެ އެންމެ ފުލުގައި އޮތް ދެޓީމެވެ.