ކުޅިވަރު

ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗު ސީބީއެލް ސްޕޯޓްސް ކާމިޔާބުކޮށްފި


35 ވަނަ ލިމިޑެޓް އޯވަރ ކްރިކެޓް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ކުޅުން އިއްޔެ ފަށައިފިއެވެ. މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ސީބީއެލް ސްޕޯރޓްސްއެވެ. ސީބީއެލް ސްޕޯރޓްސް މެޗް ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބާއި ވާދަކޮށް 7 ވިކެޓުންނެވެ. މެޗްގެ ގުރު ދިމާވުމުން ދިވެހި ސިފައިންގެ ކްލަބް ގަސްދުކުރީ ކުޅުމަށެވެ. ހުރިހާ ކުޅުންތެރިން ނުބައިވެގެން 35 އޯވަރުގެތެރޭގައި ސިފައިންގެ ކްލަބަށް ހެދުނީ 159 ލަނޑެވެ. މެޗްގައި ދިވެހި ސިފައިންގެ ކުލަބުން އެންމެ ރަގަޅަށް ކުޅުނީ 42 ލަނޑު ހެދި އަހުމަދު ނީސާމް ނާސިރުއާއި، 25 ލަނޑު ހެދި އަހުމަދު އިކްރަމްއާއި 16 ލަނޑު ހެދި މުހަންމަދު ސަރީފްއެވެ. 

 ސީބީއެލް ޓީމުން އާދަމް ނާސިފު އުމަރު 16 ލަނޑަށް 3 ވިކެޓް، އާދަމް ޒަމީލް 19 ލަނޑަށް 3 ވިކެޓު ނެގިއެވެ.  މެޗްގައި ސީބީއެލް ސްޕޯރޓްސްއިން ކުޅެންއަރާ 33 ވަނަ އޯވަރުގައި 3 ކުޅުންތެރިން ނުބައިވެގެން 160 ލަނޑު ހެދިއެވެ. މަހުމޫދު ރިޔާޒު ނުބައިނުވެ 86 ލަނޑު ހެދިއިރު، އަހުމަދު މުނާޒު 17 ލަނޑު އަދި އަހުސަން މުހަންމަދު ނުބައިނުވެ 16 ލަނޑު ހެދިއެވެ.

މިމުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރަނީ މާލޭ ސްޕޯރޓްސް ކުލަބާއި، ކޮމެޓް ސްޕޯރޓްސް ކްލަބްއެވެ. މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.

 35 ވަނަ ލިމިޑެޓް އޯވަރ ކްރިކެޓް މުބާރާތުގެ 2 ވަނަ ޑިވިޝަންގައި 5 ޓީމް ބައިވެރިވެފައިވެއެވެ. އެއީ މާލޭ ސްޕޯރޓްސް ކްލަބް، ސީބީއެލް ސްޕޯރޓްސް، ދިވެހި ސިފައިންގެ ކްލަބް، ކޮމެޓް ސްޕޯރޓްސް ކްލަބާއި ވިލިގިލިން ބައިވެރިވެފައިވާ ވެސްޓް ސްޕޯރޓްސް ކްލަބެވެ.