ޚަބަރު

"މަތީ ތަޢުލީމުގެ ފުރުޞަތު ހުރިހާ ރަށަކަށް ފަހިވެގެންދާނެ"


ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަތީ ތަޢުލީމް ޙަސިލުކުރުމުގެ ފުރުސަތު ވަރަށްއަވަހަށް ފަހިވެގެންދާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުން ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވައި، ހުނަރު އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން، ސަރުކާރުން ގެނަދަވަނީ ޒުވާނުންނަށް މަތީ ތަޢުލީމް ޙަސިލްކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވަމުންނެވެ. އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމުތަކާއި ކޯސްތައް ގެންދަވަނީ ހިންގަވަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްސާ އިތުރުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރައްވަނީ ޒުވާނުންނަށް އަމިއްލަ ރަށުގައި ތިބެގެން މަތީ ތަޢުލީމް ޙާސިލުކުރުމުގެ ފުރުސަތު ވީހާވެސް ބޮޑަށް ފަހިކޮށްދެއްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޒިންމާދާރުކަމާއި އެކު ޒުވާނުން ވަޒީފާ އަދާކުރުމުން އޭގެފައިދާ ކުރާނީ ހަމައެކަނި އެ ޒުވާނުންގެ ޢާއިލާތަކަށް ނޫންކަމަށާ، އޭގެ ސަބަބުން މުޅި ޤައުމަށްވެސް ލާބަޔާއި މަންފާ ލިބޭނެކަމަށެވެ.  

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތް ޝިހާމުގެ އިތުރުން އެމިނިސްޓްރީގެ އިސްވެރިންނާއި ޕޮލިޓެކްނިކްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގި 14 ކޯހަކުން 363 ދަސްވެނިން ވަނީ ސަނަދު ޙާސިލްކޮށްފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އަތޮޅުތަކުގެ ޒުވާނުންކަން ފާހަގަކޮށްލެވެއެވެ.