ޚަބަރު

ޤާނޫނީ ފިޔަވަޅު އެޅުމުގެ ބާރު އޭސީސީއަށް ދޭންޖެހޭ- ޒިޔަތު


މަޤާމާއި ޢާމްދަނީއާ ނުބައްދަލު މުއްސަނދިކަން ލިބިގަތުމަކީ ކުށެއްކަމުގައި ކަނޑައަޅައި ފިޔަވަޅު އެޅުމުގެ ޤާނޫނީ ބާރުވެރިކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ދިނުމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ގޮވާލައްވައިފިއެވެ. 

އޮޑިޓަރ ޖެނެރަލް މިކަމަށް ގޮވާލެއްވީ ޤައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރެއްވުމަށް ބޭއްވެވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ. ޤައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ބޭއްވެވި ޖަލްސާގައި އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވަނީ، އެމީހެއްގެ މަޤާމާއި ޢާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހޯދައި، އެފައިސާ ހޯދިގޮތް އޭސީސީއަށް ބަޔާންކޮށްނުދެވޭ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތްތަކަށް މުއައްސަސާތަކުން ޢަމަލުކުރެއްވުމަށް ގޮވާލައްވާފައެވެ. އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އެގޮތަށް ފައިސާ ހޯދިގޮތް ބަޔާން ކޮށްނުދެވޭ ފަރާތްތައް ޤާނޫނީ އަދަބު ދެވޭގޮތަށް ޤާނޫނުތައް ބައްޓަންކޮށް އެބާރު އޭސީސީއަށް ލިބިދޭންޖެހޭކަމަށެވެ.

img:http://s3.psmnews.mv/images/660x400/14927007444536.jpg|އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނަރަލް އަދި އޭސީސީގެ އިސް ބޭފުޅުން / ފޮޓޯ: އޭސީސީ

އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައި، ކޮރަޕްޝަންގެ ވަބާގެ ހުރި ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. ޒިޔަތު ވިދާޅުވީ، ކޮރަޕްޝަންގެ ސަބަބުން ޑިމޮކްރަސީއާއި ޤާނޫނީ ޙުކޫމާތުގެ ބާރު ކަނޑުވާލައި އިންސާނީ ކަރާމާތް ގެއްލިގެންދާކަމަށްެވެ ކޮރަޕްޝަންގެ ނުބައި ސިފަ ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ފެންނަމުންދާކަމަށާއި، މިކަމުގައި ކުޑަ އަދި ބޮޑު ޤައުމެއް ތަފާތެއް ނެތްކަން ފާހަގަކުރައްވައި، ޒިޔަތު ވިދާޅުވީ، މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ފަޤީރު ޤައުމުތަކުގައިވެސް ކޮރަޕްޝަން އަށަގެންފައިވާކަމަށެވެ. އަދި މިކަމުގެ ބިރުވެރިކަން އެންމެ ބޮޑީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށްކަމަށް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަކީ، އެންމެ މުއައްސަސާއަކުން އުފުލޭވަރުގެ ޒިންމާއެއް ނޫންކަމަށާއި، ރަނގަޅު ޤާނޫނީ ތަންފީޒީ އޮނިގަނޑާއި ގިއުގަނޑެއް އޮންނަންޖެހޭކަމަށެވެ. އެހެންކަމުން އޭސީސީ ބާރުވެރިކޮށް ދައުލަތުގެ އިދާރާތައް ޒިންމާދާރު ކުރެވެންޖެހޭކަމަށް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14927007799338.jpg|އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އޭސީސީ

"މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަމާއި، ޒިންމާދާރުކަމާއި އަމާނާތްތެރިކަމުގެ ރީތި ސިފަ އަށަގަންނުވާ ޤާނޫނާއި ގަވާއިދުތަކަށް ބޯލަނބަން އަދާކުރަން އެބަޖެހޭ. އެކަމާމެދު ވެރިން ޒިމާދާރުކުރުވާ ރިޕޯޓް ހާމަކުރެވި ޢާންމުން ހޭލުންތެރިކުރުވަން އެބަޖެހޭ. ތަޙްޤީގީ އިދާރާތައް ބާރުވެރިކުރުވާ ކުށްކުރާ ފަރާތްތައް ޤާނޫނީ ފިޔަވަޅު އެޅި ޝަރުޢީ ނިޒާމްގެ އިތުބާރު ދަމަހައްޓަންޖެހޭ." ޒިޔަތު ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ކޮރަޕްޝަންގެ ސަބަބުން ފަޤީރުންގެ ޙާލަތު އިހުނަށްވުރެ ދަށަށްގޮސް، ޤައުމުތަކުގެ ތަރައްޤީއަށް ހުރި ފައިސާ އެހެން ގޮތްގޮތަށް ހޭދަވާކަމަށެވެ. އަސާސީ ޙައްޤުތައް ލިބިދިނުމަށް ދައުލަތްތައް ނުކުޅެދުންތެރިކަން އިތުރުވެގެންދާ ކަމަށާއި، ތަފާތުކުރުމާއި ބޭއިންސާފު ޢާންމުވެ، ޤައުމަށް ލިބޭ ބޭރުގެ އެހީއާއި މަދަދުތައް މަދުވެގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

މި ޙަފްލާގައި ވަނީ އޭސީސީން ނަޒާޙަތްތެރިކަން އިތުރުކުރުމަށް ނެރޭ ބިތުފަންގި މަޖައްލާގެ ފަސްވަނަ ޢަދަދު ނެރުއްވާފައެވެ. އަދި އިންތިޚާބުތަކުގައި ކޮރަޕްޝަނަށް ހޭލުންތެރިކުރުވުމަށް "ހުދުކަރުދާހުގެ" ނަމުގައި ވެސް މަޖައްލާއެއް ނެރުއްވާފައިވެއެވެ.