ތަޢުލީމު

ސައިރިކްސްއިން އޭޝިޔާ އެކްސްޗޭންޖާއެކު މަސައްކަތްކުރަނީ


ކޮންމެ ދިވެއްސަކީ ގުރެޖުއޭޓަކަށް ހެދުމުގެ އަމާޒުގައި ސައިރިކްސް ކޮލެޖުން، އޭޝިއާގެ ބައެއް ޔުވަރސިޓީތަކާއެކު މަސައްކަތްކުރާ ކުންފުންޏެއްކަމަށްވާ، އޭޝިއާ އެކްސްޗޭންޖާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ސައިރިކްސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ސައިރިކްސް ކޮލެޖްގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮލެޖުގެ ޗެއަރމަން އަހުމަދު ޝަރީފްއެވެ. އޭޝިއާ އެކްސްޗޭންޖްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެކަޑަމިކް ޑިރެކްޓަރ ތޯމަސް ކައުޕިނެންއެވެ. މިއެއްބަސްވުމުގެ ސަބަބުން އޭޝިއާގެ އެކިޤައުމުތަކުގައި ހިންގާ ކޮލެޖު، ޔުނިވާސިޓީތަކުގައި ސައިރިކްސް ކޮލެޖުގެ ދަރިވަރުންނަށް ކިޔެވުމާއި ތަމްރީން ހޯދުމާއި، އިންޓާންޝިޕުގެ ފުރުސަތު ލިބޭނެކަމަށް ސައިރިކްސް ކޮލެޖުން ބުނެއެވެ. މީގެއިތުރުން މިއެއްބަސްވުމުގެ ދަށުން، އޭޝިއާ އެކްސްޗޭންޖުގެ މެންބަރު ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ރާއްޖެ އައިސް ސައިރިކްސް ކޮލެޖުގައި އިންޓާންޝިޕް ހެދުމާއި، ސެމިސްޓަރ ފުރިހަމަ ކުރުމާއި، ދިވެހި ސަގާފަތް ދެނެގަތުން ފަދަ ފުރުސަތުތައްވެސް ލިބޭނެކަމަށް އެކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އޭޝިއާ އެކްސްޗޭންޖް އަކީ ޖަޕާން، ޗައިނާ، ދެކުނު ކޮރެއާ، ތައިލެންޑް، އިންޑޮނޭޝިއާ، މެލޭޝިއާ މި ޤައުމުތަކުގެ އެކިއެކި ކޮލެޖްތަކާއި ޔުނިވާސިޓީތަކާއެކު މަސައްކަތް ކުރާ ކުންފުންޏެކެވެ. އެކުންފުންޏާއި ސައިރިކްސް ކޮލެޖާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން ބައެއް ޤައުމުތަކުގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ކިޔަވާ ދަރިވަރުންނާއި ސައިރިކްސް ކޮލެޖްގެ ދަރިވަރުންގެ ދެމެދުގައި މައުލޫމާތައި ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތު ލިބޭނެކަމަށް އޭޝިއާ އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ ހަރީ ސޯމިނެން ވިދާޅުވިއެވެ.