ކުޅިވަރު

މައްސަލައަކީ ފިޓްނަސް، މިއަންނަނީ ރަނގަޅުކުރަމުން - ފައިސަލް


ޓީމަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ފިޓްނަސްގެ މައްސަލަ ކަމަށާއި، އެކަން މިހާރު ހައްލުކުރެވެމުން އަންނަ ކަމަށް ބާސްކެޓް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަހުމަދު ފައިސަލް ބުނެފިއެވެ.

އަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފުރަތަމަ އިންޓަރނޭޝަނަލް ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ދިވެހި ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ފައިސަލް ބުނީ ޓީމް ގިނަ ދުވަސްތަކެއް ވަންދެން ޕްރެކްޓިސް ނުކޮށް ތިބުމާއެކު ފިޓްނަސްގެ މައްސަލަ ބައެއް ކުޅުންތެރިންނަށް ދިމާވެފައިވާކަމަށެވެ. ހަމައެކަނި ލޯކަލް މުބާރާތެއް ކުޅެފައި އެއް މަސް ވަރު ވަންދެން އެއްވެސް ޕްރެކްޓިސްއެއް ނުކޮށް ތިބުމުން ފިޓްނަސްގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާކަން ކުރީގެ ކުޅުންތެރިޔާ ފާހަގަކުރިއެވެ. އެހެންނަމަވެސް މިހާރު އެކަންވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ފައިސަލް ބުންޏެވެ. ޕްރެކްޓިސްތައް ފުރަތަމަ ހަފްތާގައި އެއް ވަގުތު ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު ޓީމުން އަންނަނީ ދެ އިރު ޕްރެކްޓިސް ކުރަމުންނެވެ. ފައިސަލް ބުނީ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް ބަލިކުރެވޭނެކަމަށާއި، މިހާރު ކުރިއަށް ގެންދާ ޕްރެކްޓިސްތައް ނިމުމުން ކުޅުންތެރިންނަށް ވަރަށް ރަނގަޅު ކުރިއެރުމެއް ފެނިގެންދާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

" މިހާރު ޕްރެކްޓިސް ވަރަށް ރަނގަޅަށް ކުރިއަށް އެބަގެންދެވޭ، ކޮންމެވެސް ވަރަކަށް ފިންޓަސްގެ މައްސަލަ ކުޅުންތެރިންނަށް ދިމާވި ނަމަވެސް އެކަންވެސް މިހާރު އަންނަނީ ރަނގަޅުވަމުން" ފައިސަލް ބުންޏެވެ.

ފައިސަލް ބުނީ ތޭވީސް ކުޅުންތެރިންނާއެކު މިހާރު ކުރިއަށް ގެންދާ ޕްރެކްޓިސްއަށް ފަހު ފަނަރަ ކުޅުންތެރިންގެ ސްކޮޑެއް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ނަގާނެ ކަމަށެވެ. ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ އިންޓަރނޭޝަނަލް ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މޭމަހުގެ ނަވާރަ ވަނަ ދުވަހުއެވެ.