ކުޅިވަރު

އޭޝިޔަން ޓެނިސް ޗެމްޕިއަންޝިޕުން ކުރިއެރުން ލިބުނު - ކުޅުންތެރިން


ޗައިނާގައި އޮތް އޭޝިޔަން ޓެނިސް ޗެމްޕިއަންޝިޕުން ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމަށް ޤައުމީ ޓެނިސް ޓީމުގެ ކުޅުންތެރިން ބުނެފިއެވެ.

މިމަހުގެ ނުވަޔަކުން ސޯޅަޔަށް ޗައިނާގެ ވޫޝީގައި އޮތް ތޭވީސްވަނަ އޭޝިޔަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ބުނީ މި މުބާރާތުން ވަރަށް ރަނގަޅު ކުރިއެރުން ތަކެއް ކުޅުންތެރިންނަށް ލިބިއްޖެ ކަމަށާއި، ގިނަ އެއްޗެހިތަކެއްވެސް ދަސްވެގެން ގޮސްފައިވާކަމަށެވެ. ޒުވާން ކުޅުންތެރިޔާ ރަފާވެސް ވަނީ މި މުބާރާތުން ގިނަ އެއްޗެހިތަކެއް ދަސްވެ މުބާރާތުން ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ބުނެފައެވެ.

" މި މުބާރާތަކީ ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދުނު މުބާރާތެއް، ގިނަ އެއްޗެހި ތަކެއް ދަސްވެއްޖެ، އަދި ރަނގަޅު ޗެލެންޖެއްވެސް އިދިކޮޅު ކުޅުންތެރިންނަށްވެސް ދެވުނު" ރަފާ ބުންޏެވެ.

މި މުބާރާތުގެ ޓީމް އިވެންޓްގެ ބައެއް މެޗުތަކުގައި ރާއްޖޭގެ ކުޅުންތެރިން ބަލިވެފައިވަނީ ފަހު ސެޓަށް ގޮސްގެން ކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން މި މުބާރާތުގައި ވާދަކުރި ފަހަރުތަކުގައި ޓީމް އިވެންޓްގެ މެޗުތަކުން ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އިންޑިވިޖުއަލް އިވެންޓުން ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ މުންސިފް ވަނީ ޔޫއޭއީ އަދި ބަނގްލަދޭޝް ކުޅުންތެރިން ބަލިކޮށްފައެވެ. މީގެ އިތުރުން ރަފާއާއި ޒީސްތު ނަސީމްގެ މިކްސް ޑަބަލްސް ޕެއަރ ވަނީ ކިރިގިސްތާނުގެ ޕެއަރ ސީތާ ތިން ސެޓުން ބަލިކޮށްފައެވެ.