ޚަބަރު

ކުނފުނިތަކަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ބާއްވަނީ


އަންނަ ރަމަޟާންމަހު، ކުންފުނިތަކަށް ހުޅުވާލައިގެން ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވެވުމަށް ނިންމަވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ، ރަމަޟާންމަހު ކުރިޔަށް ގެންދިއުމަށް ރާއްވަވާފައިވާ ބައެއް ޕްރޮގްރާމްތަކާ ގުޅޭގޮތުން، ސަރުކާރުގެ ބައެއް ކުންފުނިތަކާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވިގޮތުގައި، ކުންފުނިތަކަށް ޚާއްޞަކޮށްގެން ބާއްވާ ޤުރުއާން މުބާރާތުގެ އިތުރުން ކުންފުނިތަކަށް ހުޅުވާލައިގެން، ރަމަޟާންމަހާ ގުޅޭ ވޯކްޝޮޕެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކާއެކު އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރަމަޟާންމަހު ސަރުކާރުން ކުރިއަށް ގެންދަވާ ދީނީ އެކިއެކި ޙަރަކާތްތަކުގައި ކުންފުނިތަކާއި ޖަމްޢިއްޔާތަކުން އަދާކުރެވިދާނެ ދައުރާގުޅޭ ގޮތުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއަހަރު ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޙަރަކާތްތަކަށް، މިދިޔަ އަހަރެކޭ އެއްފަދައިން އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުން ލިބެމުންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.