ކުޅިވަރު

އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު އަންނަ މަހު 5 ގައި


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވަން އެކޮމިޓީގެ އެގްޒެކްޓިވް ބޯޑުން ނިންމަވައިފިއެވެ.

އާ ދައުރަކަށް އެގްޒެކްޓިވް ކޮމިޓީއަށް މެމްބަރުން އިންތިޚާބުކުރެއްވުމަށް ބާއްވާ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދެވުމަށް ތިން މެމްބަރުންގެ ކޮމިޓީއެއްވެސް ވަނީ އެކުލަވާލައްވާފައެވެ. އެކޮމިޓީގައި ހިމެނެނީ މުޤައްރިރު ހުސައިން ސިރާޖާއި، އަލީ ސަލީމާއި، އަބުދުﷲ ރަޝީދެވެ. 

މަޤާމްތަކަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހުގެ 1500 ގެ ނިޔަލަށް ވަނީ ހުޅުއްވާލައްވާފައެވެ. މަޤާމްތަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ މިހާރުގެ ރައީސް މުޙައްމަދު ޝަވީދާއި، ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހުމަދުވެސް ރައީސްކަމަށް ކުރިމަތިލައްވަން ނިންމެވިކަން ކުރިން މީޑިއާތަކުން ވަނީ ހާމަކުރައްވާފައެވެ.

މަރުޒޫޤު ކުރިމަތިލައްވަނީ މިހާރުގެވެސް ޓީމާއެކުކަމުން، މިހާރު އޮތް ޓީމްގެ ހުރިހާ މެމްބަރުން ކުރިއަށް އޮތް ދައުރަށް ކުރިމަތިލައްވާނެކަމަށް ބެލެވެއެވެ.

އިންތިޚާބު ކުރެވޭ މަޤާމްތައް:

- ރައީސް

- ނާއިބު ރައީސް

- ސެކްރެޓަރީ ޖެނެރަލް

- ހަޒާންދާރު

- އޮލިމްޕިކް ޓީމް ސްޕޯރޓްސް ( ދެ މަޤާމް )

- އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯރޓްސް ( ތިން މަޤާމް )

- ނޮން އޮލިމްޕިކް ސްޕޯރޓްސް ( ދެ މަޤާމް )

- އަންހެން މެންބަރުން ( ދެ މަޤާމް )