ކުޅިވަރު

މޯހަން ބަގާން ބަލިކޮށް، މާޒިޔާ ތާރީޚީ މޮޅެއް ހޯދައިފި


އިންޑިޔާގެ މޯހަން ބަގާން އަތުން މޮޅުވެ، އޭފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު މާޒިޔާ ދަމަހައްޓައިފިއެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އިންޑިޔާގެ މޯހަން ބަގާން އަތުން މޮޅުވީ 1-0 ނެވެ. މެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު އުމެއިރެވެ.

މިރޭގެ މޮޅަކީ ފަހުގެ ތާރީޚެއްގައި އިންޑިޔާގެ ކްލަބެއް އަތުން އެގައުމުގައި ދިވެހި ކްލަބެއް ހޯދި ފުރަތަމަ މޮޅެވެ. 

މެޗުގެ ފުރަތަމަ ހާފްގައި މޯހަން ބަގާނުން ގިނަ ހަމަލާތައް އުފެއްދިއެވެ. ފޯވާޑް ބަލްވަންތް ސިންގ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމާލާ ގޯލްގެ ހުރަސް ދަނޑިއާއި އަމާޒުވިއިރު، ޖޭޖޭއަށްވެސް ފުރަތަމަ ހާފްގައި ފުރުސަތެއް ލިބުނެވެ. ފުރަތަމަ ހާފްގައި މާޒިޔާއިން ޖެހި ގޯލްގެ އިތުރުން ފޯވާޑް އަސަދުﷲ އަބްދުﷲ އަދި އެލެކްސެންޑަރ ރަކިޗަށްވެސް  ގޯލް ޖަހާނެ ދެ ފުރުސަތު ލިބުނެވެ.

މެޗުގެ ދެވަނަ ހާފް މާޒިޔާއިން ފެށި ވަރަށް ރަނގަޅަށް. އަސަދުﷲ، ރަކިޗް، އުމެއިރު އަދި ޔަސްފާދް ހަބީބަށް ލީޑް ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ ފަހު 20 މިނިޓުގައި މާޒިޔާގެ ފަހަތަށް ބާރު ބޮޑުވެ، ގާތް ގާތުގައި ދެއްކި ދެ ރީނދޫ ކާޑާއިއެކު މާޒިޔާގެ ޑިފެންޑަރ މިލޯސް ކޮވަސެވިޗް ދަނޑުން ފައިބަން ޖެހުނެވެ. ދިހަ ކުޅުންތެރިންނާއިއެކުވެސް މާޒިޔާއިން ވަނީ މޯހަން ބަގާންގެ އެޓޭކްތައް ހުއްޓުވައި މެޗުން ތިން ޕޮއިންޓް ހޯދާފައިއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މާޒިޔާވަނީ އޭއެފްސީ ކަޕްގެ ގްރޫޕް އީގެ ދެވަނައަށް ޖެހިލާފައެވެ. ގްރޫޕްގެ އެއްވަނާގައި އޮތީ އިއްޔެ ޑާކާ އަބާހާނީ އަތުން މޮޅުވި ބެންގަލޫރު އެފްސީއެވެ.