ސިއްހަތު

"ޑިޕްރެޝަނަށް ފަރުވާ ކުރުމުގައި ދީނީ ކަންކަމަށް އިސްކަންދޭންޖެހޭ"


މާޔޫސްވުމުގެ ބަލި، ނުވަތަ ޑިޕްރެޝަނަށް ފަރުވާ ކުރުމުގައި އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމާއިގުޅުން، ބައްޓަންކުރުން ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިއަހަރު ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޝިއާރަކީ، "މާޔޫސްވުމުގެ ބަލި، އެކަމާ ވާހަކަދައްކަމާ"އެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައިވަނީ، ނަފްސާނީ ދުޅަހެޔޮ ކަމުގެ ޤައުމީ ސިޔާސަތު ލޯންޗުކޮށްފައެވެ. މިއީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުވުމުގެ ގޮތުން އެކުލަވާލެއްވި ސިޔާސަތެއް ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މިސިޔާސަތު ލޯންޗުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

ނަފްސާނީ ދުޅަހެޔޮ ކަމުގެ ޤައުމީ ސިޔާސަތުގައި މައިގަނޑު 10 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ނަފްސާނީ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި، އެބަލީގެ ފަރުވާކުރެވޭނެ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ.

ނާފްސާނީ ބަލިތަކަށް ޙޭލުންތެރިކަން އިތުރުކޮށް، އެފަދަ ބަލިތައް ތަހައްމަލްކުރަމުންދާ މީހުން ބާކީނުކޮށް މުޖުތަމަޢުގެ ބައިވެރުމާއެކު އެމީހުންނަށް އަޅާލުމަށް މިސިޔާސަތުގައި ބާރުއަޅާފައިވެއެވެ. މީގެ އިތުރުން ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ސިއްޙީ މާހިރުންނަކީ އެބަލީގެ ޢިލްމާއި ހުނަރާއި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޑިޕްރެޝަނަށް އިންސާނާ ހުށަހެޅިގެންދާ މައިގަނޑު ސަބަބަކީ އަޤީދާ ބަލިކަށި ވުމާއި، ޤަބޫލުކުރެވޭ ޤަބޫލުކުރެވުންތަކާއެކީގައި، ދީނުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ފަސްޖެހިފައިވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ތަޖުރިބާކޮށްލައްވާ ކޮންމެ ބޭފުޅަކު ވެސް މާޔޫސްކަމެއް ލިބޭ ކޮންމެ ވަގުތަކު ފަރުޞު ފަސް ނަމާދު ބަރާބަރަށް އަދާކުރާ ކަމުގަ ވާނަމަ އޭނަ ހުންނާނީ ހިތްހަމަޖެހިފައި. އިހުސާސްކުރެވޭނެ އޭނާޔަށް ލިބޭ މާޔޫސްކަން ފިލައިގެންދާކަން. އިސްލާމް ދީނުގެ މަތީ ތިބޭ ބަޔަކަށް ހަދަމާ އެޔަށްފަހު ޑިޕްރެޝަނަށް ވާހަކަދައްކަމާ." މިނިސްޓަރ އާދަމްޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު އާދަމްޝަރީފް ޢުމަރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީތަކުގެ މައްޗަށްވެސް ބައްލަވާލައްވާފައެވެ.

މިރަސްމިއްޔާތުގައި ވަނީ، ސިއްޙީ ޙޭލުންތެރިކަން  އިތުރުކުރަން މަސައްކަތްކުރާ އިދާރާއަކަށް ދޭ އެވޯޑު ބ.އަތޮޅު ހޮސްޕިޓަލަށް ދެއްވާފައެވެ. އެހޮސްޕިޓަލަށް މިއެވޯޑު ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. 2015 ވަނަ އަހަރުވެސް މި އެވޯޑު ލިބިފައިވަނީ ބ.އަތޮޅު ހޮސްޕިޓަލަށެވެ.