ދީން

ދިވެހި އިމާމުން އަޒްހަރު ޔުނިވަރސިޓީގައި ތަމްރީން ކުރަނީ


ދިވެހި އިމާމުންނަށް މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޡީބުން ތަމްރީން ކުރެއްވުމަށް ކުރަމުންގެންދާ މަސައްތްޕުޅުގެ ދަށުން، ދިވެހި އިމާމުންތަކެއް ސަޢޫދީ ޢަރަބިއްޔާގައި ތަމްރީން ކުރައްވަމުންނެވެ. އަދި އިތުރު ބެޗްތަކެއް ސަޢޫދީއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިހާރު ސަޢޫދީ އަރަބިއްޔާގައި ކުރިއަށްދާ ވޯކްޝޮޕްގައި ބައިވެރިވެ ދިވެހި ބާރަ އިމާމަކު ދަނީ ތަމްރީން ހޯދަމުންނެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް ފޮނުވި ފުރަތަމަ ބެޗްގައި ހިމެނުނު ބާރަ އިމާމުންގެ ތެރެއިން ހަތް އިމާމުން މައްކާއަށް ގޮސްފައިވަނީ މިމަހުގެ ދިހަވަނަދުވަހުގައެވެ. ބާކީތިބި ފަސް އިމާމުން މައްކާއަށް ގޮސްފައިވަނީ މިމަހުގެ ބާރަވަނަދުވަހުގައެވެ.

މި ވޯކްޝޮޕަކީ، ސަޢޫދީ ޢަރަބިއްޔާގެ މަކްތަބުއްދަޢުވާ ވަލްއިރުޝާދުން އިންތިޒާމްކޮށްގެ މިނިސްޓްރީ އޮފް އިސްލާމިލް އެފެއާރޒްއާއި ގުޅިގެން ކުރިޔަށްގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވަނީ މައްކާގައި ހުންނަ އުއްމުލްޤުރާ ޔުނިވަރސިޓީގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިވޯކްޝޮޕްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޤްރުއާނާއި ފިޤްހުގެ އިތުރުން، ކަށުކަމާއި ކެމީގެ ކަންތައްތައް ދަސްކޮށްދިނުމާއި، އިމާމުންގެ ގޮތުގައި މަސައްކަތް ކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާ ގޮންޖެހުންތައް ޙައްލުކުރާނެ ގޮތުގެ އިތުރުން އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ.