ކުޅިވަރު

65 ޓީމާއިއެކު އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ފަށަނީ


14 ސްކޫލުން 65 ޓީމާއެކު 3 ވަނަ މައިލޯ އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތް މި މަހު ބާވީހުގައި ފަށަން ތައްޔާރުވެއްޖެއެވެ. 

މި އަހަރުގެ މައިލޯ އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގައި 14 ސްކޫލަކުން 3 އުމުރުފުރައެއްގައި ފަސްދޮޅަސް ފަސް ޓީމް ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރަނީ މާލޭގެ 13 ސްކޫލަކާއި، ކ.މާފުށި ސްކޫލެވެ. 

މާލެއިން ވާދަކުރާ 13 ސްކޫލަކީ ތާޖުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާނު ސްކޫލް، އަރަބިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ހިރިޔާ ސްކޫލް، މުހްޔުއްދީން ސްކޫލް، ޣާޒީ ސްކޫލްގެ އިތުރުން ރެހެންދި ސްކޫލެވެ. 

މި ސްކޫލްތަކުގެ ތެރެއިން ޖަމާލުއްދީން، ހިރިޔާ، މުހްޔުއްދީން އަދި ޣާޒީ ސްކޫލް މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށްފައެއް ނުވެއެވެ. 14 ސްކޫލުން 65 ޓީމް ވާދަކުރާއިރު، 910 ކުދިން މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތުގެ ކުޅުން މިއަހަރު ކުރިއަށްދާނީ މާފަންނު ސްޓޭޑިއަމްގެ މޭރީ ބްރައިން ފަހަތުގައި އޮންނަ ފުޓްބޯޅަ ދަނޑުގައިކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. 

މި މަހުގެ ބާވީހުގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗުތައް ކުޅުމަށް ތާވަލް ކުރެވިފައިވާނީ އަންނަ މަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހުގައެވެ.