ތަޢުލީމު

ދިރާސާކުރާ ފަރާތްތަކަށް ވިލާ ކޮލެޖުން ޚާއްޞަ ފުރުޞަތެއް!


އެކި ދާއިރާއިން ދިރާސާކުރައްވާ ބޭފުޅުންނަށް، އެ ބޭފުޅުންގެ ދިރާސާތައް ފަންނީ ބޭފުޅުންނާ ހިއްސާ ކުރުމާއި ހުށަހެޅުމުގެ ފުރުޞަތު ވިލާ ކޮލެޖުން ހުޅުވާލައިފިއެވެ. އެ ކޮލެޖުން މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ކޮލެޖުން ބާއްވަމުން އަންނަ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން" ކޮންފްރެންސްގެ ތެރެއިންނެވެ.

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަން ބާއްވާ ދެވަނަ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަންގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. "އެކްސްޕްލޯރިން ނިއު ހޮރައިޒޯންސް، ޓްރާންސްފޯމިންގ ސޮސައިޓީޒް". މި ތީމަށް ބައްވާ މި ކޮންފްރެންސް އޮންނާނީ ނޮވެމްބަރ މަހުގެ ސަތާރައިން ނަވާރައަށެވެ.

މި ކޮންފަރެންސްގައި ޔޫރަފުގެ ދެ ޔުނިވަރަސިޓީއަކުން ދެ ޕްރޮފެސަރުން ބައިވެރިވާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކަށް، އެފަރާތްތަކުން ހަދާފައިވާ ދިރާސާތައް މިކޮންފަރެންސްގައި ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި"ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް، ކޯޕަރޭޓް ގަވަރނަންސް، ސައިކޮލަޖީ، އެޑިއުކޭޝަން، ހެލްތް، ނަރސިންގް، ސޯޝަލްވޯކް، ރިލިޖަން، އާޓް، ޕޮލިޓިކްސް، ޕޮލިސީ، ލޯ، ގަވަރނަންސް، ތިމާވެށި، ޓެކްނޮލޮޖީ، ލެންގުއޭޖް، މީޑިއާ އަދި ކޮމިއުނިކޭޝަން" ހިމެނެއެވެ. ވިލާކޮލެޖްގެ އެގްޒެކެޓިވް ޑީން ޑރ. މުޙައްމަދު އާދިލް ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން ޢިލްމީ އަދި ފަންނީ ދިރާސާތައް ބިނާކުރަނިވި މާހައުލެއްގެ ތެރޭގައި މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަދި ދިރާސާތައް ހަދާ ފަރާތްތަކަށް އެ ފަރާތްތަކުން ހަދާފައިވާ ދިރާސާތައް އާއްމު ފަރާތްތަކާއި ހިއްސާކުރުމުގެ ފުރުޞަތުވެސް މި ކޮންފަރެންސްގެ ތެރެއިން ލިބިގެންދާނެކަމަށެވެ.

ވިލާ ކޮލެޖުން ބާއްވާ މި ކޮންފަރެންސަގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މަހުގެ ވިހީގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ކޮންފަރެންސް ވެގެންދާނީ ވިލާ ކޮލެޖް ރިސާޗް ބޭސް އިންސްޓިޓިއުޝަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށް އެ ކޮލެޖުން ބުނެއެވެ.