ސިއްހަތު

ޑިޕްރެޝަނަށް ސިއްޙީ އެހީތެރިން ސަމާލުވާންޖެހޭ- މިނިސްޓަރ


ޑިޕްރެޝަން ތަހައްމަލް ކުރަމުންދާ މީހުން އެ ޙާލަތުން އަރައިގަތުމުގައި ސިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ ފަރާތްތަކުގެ ދައުރު ބޮޑުކުރަންޖެހޭ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ  ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ޑިޕްރެޝަނާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވި ޕަބްލިކް ހެލްތް ފޯރަމްގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ފޯރަމް ކުރިއަށް ގެންދެވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން، ޝީއާ ޑަބްލިޔުއެޗްއޯ ގުޅިވަޑައިގެންނެވެ.

މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި ރާއްޖޭގެ ގިނަ އަތޮޅުތަކުގެ ޕަބްލިކް ހެލްތްގެ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކުރައްވައިގެން ބޭއްވެވި މި ފޯރަމްގައި 20 ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ، ޑިޕްރެޝަން ތަހައްމަލް ކުރަމުންދާ މީހުން އެ ޙާލަތުން އަރައިގަތުމަށް ޕަބްލިކް ހެލްތް ސެކްޓަރގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ދައުރު މުހިއްމުކަމަށެވެ. ޚާއްސަކޮށް މި ފޯރަމުން ލިބުނު މަޢުލޫމާތުގެ އަލީގައި، ރަށްރަށަށް ވަޑައިގެން ސްކޫލްތަކާއި، ބެލެނިވެރިންނަށް އެމަޢުލޫމާތު ފޯރުކޮށްދެވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ޑިޕްރެޝަނާ ގުޅޭ ގޮތުން ބޭއްވެވި މި ފޯރަމްގައި، ސައިކޯ ސޯޝަލް ފަސްޓް އެއިޑް ދޭނެ ގޮތާއި، ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރެވިދާނެ ކަންތައްތަކާ އޭގެ މުހިންމު ކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ. މިރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި، ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަރުވިންދު މާތުރާއި ޝީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.