ވިޔަފާރި

ހޮޓެލިއަރ މޯލްޑިވްސްގެ މިއަހަރުގެ ޖީ.އެމް ފޯރަމް ބާއްވައިފި


ފަތުރުވެރިކަމުގެ މަޖައްލާ، ހޮޓެލިއަރ މޯލްޑިވްސްގެ މިއަހަރުގެ ޖީ.އެމް ފޯރަމް ބާއްވައިފިއެވެ.

ޖީއެމް ފޯރަމްއަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި، އިސް މެނޭޖްމަންޓަށް އަމާޒުކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ފޯރަމެކެވެ. ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ކުރިއަށްދިޔަ މި ފޯރަމްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި އެންވަޔަރަމެންޓް މިނިސްޓަރ ޠާރިގް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އަހަރަކު އެއްފަހަރު ބާއްވާ ޖީއެމް ފޯރަމްގައި މިއަހަރު ބައިވެރިވެފައިވާ ބޭފުޅުންގެ ޢަދަދު ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ދެ ގުނައަށް އިތުރުވެފައެވެ.

މިފަހަރުގެ ފޯރަމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސިނާއަތުގައި ޙަރަކާތްތެރިވާ އިސްބޭފުޅުން އެއްތަނަކަށް އެއްވެ ޚިޔާލު ބަދަލުކުރުން މުޙިއްމު ކަމަށާ، ޖީއެމް ފޯރަމަކީ މިގޮތުން ޤާއިމުކުރެވޭ ވަރަށްމުހިންމު މާޙައުލެއްކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސް ބޭބޭފުޅުން މި ފޯރަމްގައި ބައިވެރިވެފައިވޭ. އެ ފަރާތްތަކުން ހާމަކުރާގޮތުން މިއަހަރުގެ ފޯރަމް ކާމިޔާބުކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް ޚިޔާލުބަދަލުކުރުމުގެ ފުރުސަތު މި ފޯރަމުގެ ސަބަބުން ފަހިވާނެކަމަށެވެ.

މި އަހަރުގެ ފޯރަމުގައި މަޝްވަރާކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ދަތުރުފަތުރު، ވަޒީފާއާ ބެހޭ ޤާނޫނު، ތަފާސްހިސާބު، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒް ކުރުން، އަދި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް މާކެޓްކޮށް އިސްތިހާރު ކުރުން ހިމެނެއެވެ. މިއީ ހޮޓެލިއާ މޯލްޑިވްސްއިން، ޖީއެމް ފޯރަމް ބާއްވާ ދެވަނަ އަހަރެވެ. ހޮޓެލިއަ މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ޝާޢިއުކުރާ ހަމައެކަނި މަޖައްލާއެކެވެ.