ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރާ ފަރާތްތައް އިތުރުވަނީ


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރާ ބޭރުގެ ފަރާތްތައް ފާއިތުވި ދެ އަހަރުދުވަހުގެތެރޭ ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ފައިނޭންޝަލް ޓައިމްސްގެ އެފްޑީއައި އިންޓެލިޖެންސް މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތައް ގިނަ ނަމަވެސް، އިތުރު ރަށްތައް ފަތުރުވެރިކަމަށް ދޫކުރުން މަޑު ޖައްސަވާލައްވާފައިވާ ކަމަށެވެ.

ސަރުކާރުން ގެންގުޅުއްވާ އުސޫލަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މިންވަރަށް ބަލާފައި ޓޫރިސްޓު ރިސޯޓްތައް ހުޅުވަމުން ދިޔުން ކަމަށާ އެހެންކަމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މިހާރުވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ޒަމީރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ފިނޭންޝަލް ޓައިމްސްގެ އެފްޑީއައި އިންޓެލިޖެންސް މަޖައްލާއިން ވަނީ ރާއްޖެއަށް ޙާއްސަ ސަޕްލިމެންޓެއް ނެރެފައެވެ. މި ސަޕްލިމެންޓުގައި ރާއްޖޭގެ އިޤްސާދާގުޅޭ މައުލޫމާތުތަކާއި، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ ރިޕޯޓުތައް ހިމެނެއެވެ.