ވިޔަފާރި

އޭޓީއެމްގައި ރާއްޖެއިން 125 ފަރާތަކުން ބައިވެރިވާނެ


އަރަބިއަން ޓްރެވަލް މަރކެޓް ފެއާގައި މިއަހަރު ރާއްޖެއިން ބައިވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ސެޝަނެއް މޯލްޑިވްސް މަރކެޓިންގ އެންޑް ޕީއާރު ކޯރޕަރޭޝަންގެ ފަރާތުން ބާއްވައިފިއެވެ.

މިއަހަރުގެ އަރަބިއަން ޓްރެވަލް މަރކެޓް ފެއާގައި ރާއްޖޭގެ 57 ކުންފުންޏަކުން 125 ފަރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭޕްރީލްމަހުގެ ސައުވީސްއިން ހަތާވީހަށް ބާއްވާ އޭޓީއެމް ފެއާއަކީ ގަލްފް ސަރަޙައްދުގައި ބާއްވާ އެއްމެ ބޮޑު ޓްރޭޑް އެންޑް ކޮންސިއުމަރ ފެއަރއެކެވެ.  

އަރަބިއަން ޓްރެވަލް މަރކެޓް ފެއާގައި މިއަހަރު ރާއްޖެއިން ބައިވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ސެޝަނަކީ ފެއަރގައި ރާއްޖެއިން ބައިވެރިވާ ފަރާތްތަކަށް ފެއާގެ ކުރިން ބައްދަލްކޮށްލައި ފެއާގެ ކަންތައްތައް ރޭވިފައި ހުރިގޮށް އެ ފަރާތްތަކާ ޙިއްޞާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އޭޓީއެމް ފެއަރއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ މި ފެއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ފެއާއެއް ކަމަށެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް މިފަދަ ފެއަރތައް މުހިއްމުކަން ހާރިސް ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މެދު އިރުމަތީގެ ޤައުމުތަކުން ފަންސާސްހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެެވެ. މިއީ ދެހާސް ފަނަރަ ވަނަ އަހަރާ އަޅާ ބަލާއިރު ބާވީސް އިންސައްތަ އިތުރު އަދަދެކެވެ.