ކުޅިވަރު

12 ރަށެއްގައި 15 ފުޓްސެލް ދަނޑު އަޅަން ހަވާލުކުރައްވައިފި


ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ރައްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 15 ފުޓްސަލް ދަނޑު އެޅުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވައިފިއެވެ.

މި ފަނަރަ ފުޓްސަލް ދަނޑުގެ ތެރޭގައި ހިމެނެނީ ހއ. ތަކަންދޫގައި އަޅާ ފުޓްސަލް ދަނޑާއި، ހ.ދ އަތޮޅު ނޮޅިވަރަންފަރު، ކުމުންދޫ، ނޭކުރެންދޫ، ނެއްލައިދޫ، ހަނިމާދޫ، އއ އަތޮޅު ތޮއްޑޫ، ކ އަތޮޅު ހުރާ، ދިއްފުށި، މާފުށި އަދި ވިލިމާލެ އާއި ހުޅުމާލޭގައި އެޅުމައް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުތަކެވެ. މީގެތެރެއިން ހަތަރު ފުޓްސަލް ދަނޑެއް އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ޔޫތް ސިޓީގެއެވެ.

މިއަދު ހެނދުނު ޔޫތް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުން ތަކުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. މިރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކް އަދި ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

15 ފުޓްސަލް ދަނޑުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިއަދު ސޮއިކުރެވިގެންދިޔަ ފަނަރަ ފުޓްސަލް ދަނޑުގެ މަސައްކަތަކީ ރައީސް ޔާމީންގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން މިހާރު ކުރިއަށް ގެންދަވާ ސްޕޯޓްސް އެރީނާތަކުގައި ހިމެނޭ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމެވުމުގެ ގޮތުން ފައްޓަވާފައިވާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 50 ފުޓްސަލް ދަނޑު އަޅާ ނިމި އެދަނޑުތައް ބޭނުންކުރަމުންދާކަމަށެވެ. އަދި މީގެއިތުރުން 90 ފުޓްސަލް ދަނޑެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރިއަށްދާ 90 ފުޓްސަލް ދަނޑާއި، މިއަދު މަސައްކަތް ހަވާލުކުރެވުނު 15 ދަނޑާއެކު ޖުމްލަ 105 ދަނޑެއްގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މިހާރުވެސް ސަރުކާރުން ޒުވާނުންނަށް ޙާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތެކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނިހާން ވިދާޅުވީ މިހާރު 90 ދަނޑެއްގެ މަސައްކަތް ކޮންޓެކްޓަރުންނާއި ހަވާލުކުރެވިފައި ވީނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ރަށްރަށުގައި ދަނޑު އެޅުމުގެ މަސައްކަތް އަދިވެސް ފެށިފައި ނުވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޙާބުގައި ސަރުކާރުން ކުރަން ބޭނުންވާ ކަންތައްތަކަށް އިޖާބަދޭ ކައުންސިލްތަކެއް އިންތިޙާބު ކުރެއްވުމަށް ނިހާން ގޮވާލެއްވިއެވެ.