ދުނިޔެ

ދެކުނު ކޮރެޔާގެ ކުރީގެ ރައީސްގެ މައްޗަށް ދަޢުވާ އުފުލައިފި


ދެކުނު ކޮރެޔާގެ ރައީސްކަމުގެ މަޤާމުން ދުރުކޮށްފައިވާ ޕާކް ގުއެން ހައިގެ މައްޗަށް އެޤައުމުގެ ޕްރޮސެކިއުޓަރުން ރަސްމީކޮށް ދައުވާ އުފުލައިފިއެވެ. 

ކޮރަޕްޝަންގެ މައްސަލަތަކެއްގައި މިދިޔަ ޑިސެމްބަރުމަހު އިތުބާރު ނެތްކަމަށް ފާސްކޮށް، މިދިޔަ މާޗުމަހު ރަސްމީކޮށް މަޤާމުން ވަކިކުރި ދެކުނު ކޮރެޔާގެ ފުރަތަމަ އަންހެން ރައީސްގެ މައްޗަށް އެތަކެއް ދަޢުވާތަކެއް ކުރެއެވެ. އޭގެ ތެރޭގައި މަޤާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ރިޝްވަތު ނެގުމާއި އަދި ޤައުމުގެ މުހިއްމު މަޢުލޫމާތުތަކެއް އެހެން ބައެއް ފަރާތްތަކާ ހިއްސާކުރުން ހިމެނެއެވެ. 

img:http://s2.psmnews.mv/images/660x400/14909494133469.jpg|ދެކުނު ކޮރެޔާގެ ކުރީގެ ރައީސް ޕާކް ގުއެން ހައި، ހައްޔަރުކޮށްގެން ގެންދަނީ / ފޮޓޯ: ޒިންހުއާ

ޕާކްގެ މައްޗަށް ރަސްމީކޮށް ދަޢުވާ އުފުލާފައިވާއިރު، އޭނާ މިވަގުތު ހުންނެވީ ޑިޓެންޝަން ސެންޓަރެއްގައި ބަންދުކޮށްފައެވެ. މާޗުމަހުގެ ފަހުކޮޅު ޕާކް ހައްޔަރުކުރީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ހެކި ފޮރުވަފާނެކަމަށް ބެލެވޭތީއެވެ.

ޕާކްގެ އިތުރުން މިމައްސަލަތަކުގައި ސެމްސަންގް ގުރޫޕުގެ ވެރިޔާ ޖޭ.ވައި.ލީ އާއި ޕާކްގެ ގާތް މީހެއްކަމަށްވާ ޗޮއި ސޫން ސިލްގެ މައްޗަށްވެސް ދަޢުވާކުރެއެވެ. ތިން މީހުންވެސް އެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރެއެވެ.

2013 ވަނަ އަހަރު ބޮޑު ތާޢީދަކާއެކު ދެކުނު ކޮރެޔާގެ ވެރިކަމަށް ވަޑައިގެންނެވި ޕާކް ގުއެން ހައި އަކީ، 1963 އިން 1979 އަށް ދެކުނު ކޮރެޔާގައި ވެރިކަން ކުރެއްވި ޕާކް ޗަންގް ހީގެ ބޭފުޅެކެވެ. ޕާކް ގުއެން ހައި އަކީ ދެކުނު ކޮރެޔާގެ ފުރަތަމަ އަންހެން ރައީސްއެވެ.