ކުޅިވަރު

ވޮލީ އެސޯސިއޭޝަން އިޞްލާހު ކުރަން މަސައްކަތް ފަށައިފިން - ލަތީފް


ވޮލީބޯޅަ އެސޯސިއޭޝަން އިސްލާޙު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް ވިދާޅުވީ ވޮލީ އެސޯސިއޭޝަން ހިންގުމުގައި ދަތިތަކެއް އެބަހުރިކަމަށާއި، އެކަން އިސްލާޙުކޮށް ހަމަ މަގަށް އެޅުވުމަށްޓަކައި ދެ ދުވަހެއްގެ ތެރޭގައި ހަތް މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާނެކަމަށެވެ. މި ކޮމެޓީގައި ހިމެނޭނީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ މެންބަރަކާއި، އޮލިމްޕިކް ކޮމެޓީގެ މެންބަރަކާއި، ވޮލީ އެކްސްކޯގެ މެންބަރަކާއި، ޤައުމީ ކުޅިވަރު އެސޯސިއޭޝަންގެ ރައީސްގެ އިތުރުން ސީނިއަރ ކޯޗަކާއި، ކުރީގެ ކުޅުންތެރިޔަކާއި، ޤާނޫނީ ވަކީލެއް ކަމަށް ލަތީފް ވިދާޅުވިއެވެ. އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެފްއައިވީބީ އާއި އޮލިމްޕިކް ކޮމެޓީއާއި، އޭވީސީގެ މިންގަނޑުތަކަށް ބަލާނެކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގިނަ އެސޯސިއޭޝަންތަކުގައި ހުރި ބައެއް ކްލަބްތަކަކީ ހަމައެކަނި ކަރުދާހުގައި އޮންނަ ކްލަބްތަކެއް ކަމަށާއި، މިވަގުތު އެންމެ ރަނގަޅަށް ހިނގަމުން ދަނީ ފުޓްބޯޅަ އެސޯސިއޭޝަން ކަމަށެވެ.

 "ރާއްޖޭގެ ގިނަ އެސޯސިއޭޝަންތަކުގައި ހަމަ އެކަނި ނަމެއްގައި އޮންނަ ކްލަބްތައް އެބައޮތް. މުބާރާތެއްގައި ބައިވެރި ނުވެ ވޯޓުގައި ބައިވެރިވާ ކްލަބްތައް ވަރަށް ގިނަ. އެކަން އެބަ ޖެހޭ ރަނގަޅު ކުރަން، އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް، ފުޓްބޯޅަ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި އިންތިހާބަށްފަހު އެ އެސޯސިއޭޝަން ހިނގަމުންދަނީ ވަރަށް ރަނގަޅަށް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ." ލަތީފް ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ވޮލީބޯޅަ އެސޯސިއޭޝަނަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. އެސޯސިއޭޝަންގެ މެންބަރުންތަކެއް މަޤާމުން ދުރުކޮށްފައިވާއިރު އެސޯސިއޭޝަންގެ ރައީސްގެ މަޤާމާމެދުވެސް ވަނީ ސުވާލު އުފައްދާފައެވެ. އެހެންނަމަވެސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ މަޤާމާ ހަވާލުވުމަށްފަހު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމެވި ކަމަށާއި، ދައުރުގެ ތެރޭގައި އެކަން ފުރިހަމަ ކުރެއްވުމަށް ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.