ވިޔަފާރި

އުރީދޫގެ ޙިއްސާ ވިއްކާނެ އަގުތައް އިޢުލާންކުރަނީ


އުރީދޫގެ ޙިއްސާ އާންމުކޮށް ވިއްކާނެ ތާރީޚަކާއި ޙިއްސާ ވިއްކާނެ އަގު އިއުލާން ކުރުމަށް ޚާއްސަ ޙަފްލާއެއް ބޭއްވުމަށް އުރީދޫން ނިންމައިފިއެވެ.

މާދަމާ ރޭ ދަރުބާރުގޭގައި ބާއްވާ މި ހަފްލާގައި އުރީދޫގެ ޙިއްސާ ގަންނަން ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާނެ ތަފްސީލީ މައުލޫމާތުތަކާއި އެކުންފުނިން ކުރިއަށް ރާވާފައިހުރި ކަންތައްތަކާއި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުންފުންޏަށް ލިބިފައިވާ ކުރިއެރުންތަކާއި ގުޅޭ މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޙިއްސާ ވިއްކާނެ އަގުގެ އިތުރުން އެންމެ ގިނަ ވެގެން މީހަކަށް ޙިއްސާ ގަނެވޭނެ ޢަދަދާއި ޖުމްލަ ވިއްކާނެ ޙިއްސާގެ ޢަދަދުވެސް މި ޙަފްލާގައި އިއުލާންކުރާނެ ކަމަށް އުރީދޫން ހާމަކުރެއެވެ. މި މަޢުލޫމާތު ޢާއްމުކުރާތާ ރަސްމީ 14 ދުވަސް ފަހުން އާއްމުކޮށް ޙިއްސާ ގަންނަން ހުޅުވާލަން ޖެހޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ޙިއްސާގެ ބާޒާރުގައި އެކުންފުނީގެ ޙިއްސާ ވިއްކާނެކަން އިޢުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރމަހު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އުރީދޫ މޯލްޑިވްސް ރަޖިސްޓަރ ކުރުމަށް ފަހުއެވެ.