ވިޔަފާރި

އެމްއެމްއޭގެ ޔޫޒަބަލް ރިޒާވް 224 މިލިއަން ޑޮލަރަށް އިތުރުވެއްޖެ


މިދިޔަ މާޗުމަސް ނިމުނުއިރު، ބޭރުފައިސާގެ މުޢާމަލާތްތަކުގައި މަރުކަޒީ ބޭންކުގައި ވަގުތުން ވަގުތައް ބޭނުންކުރުމަށް ހުންނަ ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ، މާޗުމަސް ނިމުނުއިރު ޔޫޒަބަލް ރިޒާވް، ނުވަތަ ބޭރުފައިސާގެ މުޢާމަލާތްތަކުގައި މަރުކަޒީ ބޭންކުގައި ވަގުތުން ވަގުތައް ބޭނުންކުރުމަށް ހުންނަ ރިޒާވް ދުއިސައްތަ ސައުވީސް ޕޮއިންޓް ހައެއް ހަތެއް މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށެވެ. 

ފެބުރުއަރީމަސް ނިމުނުއިރު ޔޫޒަބަލް ރިޒާވް ހުރީ، ދުއިސައްތަ ތޭރަ މިލިއަން ޑޮލަރުގައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ޔޫޒަބަލް ރިޒާވް އިތުރުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޓޫރިޒަމް ސިނާޢަތުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު އާމްދަނީވެސް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު، ޓޫރިޒަމް ސިނާޢަތުން ރާއްޖޭގެ އިޤްތިޞާދަށް ހަތް ސަތޭކަ ނުވަދިހަ މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ.