ކުޅިވަރު

ކޯޗް ގާޑިއޯލާގެ ތަޢުރީފް ސިޓީގެ ސަޕޯޓަރުންނަށް


ކުރިން އިރުޝާދު ދީފައިވާ ޓީމްތަކާއި ޚިލާފަށް މެންޗެސްޓާރ ސިޓީގެ ސަޕޯޓަރުންގެ ފަރާތުން ފެންނަ ނަމޫނާއަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ތަޢުރީފްކޮށްފިއެވެ. 

ސްޕެއިންގެ ބާސެލޯނާ އަދި ޖަރުމަންގެ ބަޔާން މިޔުނިކަށް އިރުޝާދު ދީފައިވާ ކޯޗް ގާޑިއޯލާ އިނގިރޭސި ފުޓްބޯޅައިގައި ހޭދަކުރި ފުރަތަމަ އަހަރުވެސް ގިނަ ކަންތަކެއް ދަސްވެއްޖެކަމަށް އޭނާ ގަބޫލުކުރެއެވެ. 

އިނގިރޭސި ކްލަބްތަކުގެ ސަޕޯޓަރުންނާއި ގުޅޭ ގޮތުން ސުވާލުކުރުމުން ގާޑިއޯލާ ބުނީ ސިޓީގެ ސަޕޯޓަރުންގެ ޖޯޝު ފެނިފައި ހައިރާންވެއްޖެކަމަށެވެ. އޭނާ ބުނީ ޖަރުމަނާއި ސްޕެއިންގައި ކޯޗްކަން ކުރިއިރު، ޓީމް ބަލިވާ ގިނަ ފަހަރު ސަޕޯޓަރުންގެ ޕްރެޝަރު ވަރަށް ބޮޑުކަމަށެވެ. ވަކިން ޚާއްސަކޮށް ލީގުގެ ޗެމްޕިއަންކަން ނުލިބޭފަދަ ކަމެއް ވެއްޖެނަމަ ޖެހިގެން އަންނަ މެޗުގައި ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އިންތިހާއަށް ފެންނަކަމަށް އޭނާ ބުންޏެވެ. 

ގާޑިއޯލާ ބުނީ ސިޓީގެ ސަޕޯޓަރުން މުޅިން ތަފާތުކަމަށާއި، ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން ކަޓައި ލީގުގައި ޖެހިގެން ކުޅޭ މެޗުގައިވެސް ސަޕޯޓަރުން އެ މާޔޫސްކަން ނުދައްކާކަމަށެވެ. ޓީމްގެ ހުރިހައި ކުޅުންތެރިންނަށް ސަޕޯޓަރުން ކުރާ އިތުބާރު މިކަމުން ހާމަވާކަމަށްވެސް ގާޑިއޯލާ ބުންޏެވެ. 

"ސިޓީގެ ސަޕޯޓަރުން ވަރަށް ތަފާތު، މެޗަކުން ބަލިވެ ޖެހިގެން އަންނަ މެޗަށް އަންނައިރު ސަޕޯޓަރުން އެ ތަފާތެއް ނުދައްކާ"

ޖަރުމަނާއި ސްޕެއިންގައި ލީގް ކާމިޔާބުކޮށްފައިވާ ކޯޗް ބުނީ އޭނާގެ އިރުޝާދުގެ ދަށުން ސިޓީން ލީގް ހޯދާނެކަމަށާއި، އެކަމަކު އެއީ މި އަހަރު ނޫންކަމަށެވެ. 

ކެތްތެރިކަމާއިއެކު ޓީމަށް ކުރިއެރުން މަޑު މަޑުން ގެނެސް ސަޕޯޓަރުން ބޭނުންވާ ކާމިޔާބީތައް ޓީމަށް ހޯދައިދޭނެކަމަށްވެސް ގާޑިއޯލާ ފާހަގަކުރިއެވެ.