ޓޫރިސްޓް ވިސާގައި ބިދޭސީ މަސައްކަތު މީހުން ރާއްޖެ ގެންނަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު އިމިގްރޭޝަނުން ދެއްވައިފިއެވެ. ރާއްޖޭގައި އެއްލައްކަ ތިރީސް ފަސްހާވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދާއިރު އޭގެ ތެރެއިން ވިހިހާސް ބިދޭސީންނަކީ ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ މީހުންނެވެ.
ޤަވާޢިދާޚިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެކުރާ މީހުނާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާ އިމިގްރޭޝަނުން ނެރުއްވާފައިވާ ބަޔާނެއްގައިވަނީ ފަހަކަށް އައިސް ޓުއަރިސްޓް ވިސާގައި ގިނަޢަދަދަކަށް ބިދޭސީ މަސައްކަތު މީހުން ރާއްޖެއަށް އެތެރެކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. މީގެ ކުރިންވެސް މިކަން ފާހަގަކުރެވި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާފައިވާކަން އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.
އިމިގްރޭޝަންގެ ޤާނޫނުގައި ގައި ބުނެފައިވަނީ ޓޫރިސްޓް ވިސާގައި ރާއްޖެއެތެރެވެވޭނީ ހަމަކަނި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ މީހުނަށް އެކަނިކަމަށެވެ. އަދި ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީއަކު އެއްވެސް މަސައްކަތެއް ކުރާނަމަ އެބިދޭސީއަކާއި، އޭނާ އާއި ޙަވާލުވެހުރި ފަރާތަކުން ޓޫރިސްޓު ވިސާއާ، ޚިލާފުވީކަމަށް ކަނޑައަޅައި، ފިޔަވަޅު އެޅޭނެކަމަށެވެ. އަދި ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން ފުރައިގެން ގޮސްފައިނުވާނަމަ އެ ބިދޭސީ މީހަކާއި އޭނާއާ ޙަވާލުވެ ހުރި ފަރާތަކާއި މެދު ފިޔަވަޅު އެޅޭނެއެވެ. މިގޮތުން ބިދޭސީ މީހާގެ ބަލަދުވެރިފަރާތަކީ ދިވެއްސެއްކަމުގައިވާނަމަ އެމީހަކު 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިދޭސީ މީހާގެ ބަލަދުވެރިފަރާތަކީ ބިދޭސީއެއްކަމުގައިވާނަމަ 15،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އެއްލައްކަ ތިރީސް ފަސް ހާހެއްހާ ބިދޭސިން ރާއްޖޭގައި އުޅެމުންދާއިރު ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވިހިހާހަށް އަރައެވެ. ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަބުރާ ޤައުމަށް ފޮނުވުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން.
އެހެންނަމަވެސް ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަތުގައި އެމީހުންގެ ޕާސްޕޯޓް ނޯންނާތީ ބައެއް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެވާ ބިދޭސީންގެ ތެރޭގައި އޭޝިޔާގެ ޤައުމުތަކަށް ނިސްބަތް ނުވާ މީހުންވެސް ހިމެނޭކަމަށާއި އެފަދަ މީހުން ފާހަގަވުމުން އެއާޕޯޓާއި ހަމައިން އަނބުރާ ޤައުމަށް ފޮނުވާލަމުންދާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.