ކުޅިވަރު

ގަދަ ހަތަރެއް ޔަޤީންކުރަން ހިތްވަރު ލިބިއްޖެ - ކްލޮޕް


ވެސްޓް ބްރޮމް އަތުން ހޯދި މޮޅަކީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަޤީންކުރުމަށް ލިބުނު ހިތްވަރެއްކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. 

ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން މޮޅުވި މެޗަށްފަހު ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ މެޗުން މޮޅުވީ ޕްލޭނާއި އެއް ގޮތަށް ކުޅެގެންކަމަށާއި، މިއީ ބޮޑު މޮޅެއްކަމަށެވެ. އިސްކޮޅުން ދިގު ގިނަ ކުޅުންތެރިން ހިމެނޭ ޓީމެއް ބަލިކުރަން ނިކުތްއިރު، ހިލޭ ޖެހުންތަކުން ގޯލް ޖަހާނެކަމަށް ޓީމް ތައްޔާރުކުރިކަމަށާއި، ޕްލޭނާއި އެއްގޮތަށް މެޗުގެ އޮއިވަރު ބަދަލުވިކަމަށްވެސް އޭނާ ބުންޏެވެ. 

މި މޮޅާއިއެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ލިވަޕޫލުން ކުރަމުންދާ މަސައްކަތަށް އާ ހިތްވަރެއް ލިބިއްޖެކަމަށްވެސް ޖަރުމަނަށް އުފަން ކޯޗް ބުންޏެވެ.

"ވެސްޓް ބްރޮމްއަކީ ސެޓް ޕީސްތަކުން ލަނޑު ޖަހާ ޓީމެއް، އެކަމަށް ޓީމް ތައްޔާރުވެފައި އޮތީމަ މޮޅުވީ" ކްލޮޕް ބުންޏެވެ.

ރޭ ލިވަޕޫލްގެ ލަނޑު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ. ރޭގެ މޮޅާއިއެކު ލިވަޕޫލްވަނީ ތާވަލްގެ ތިންވަނައަށް ޖެހިލާފައެވެ. ތާވަލްގެ ހަތަރުވަނާގައި އޮތީ ލިވަޕޫލަށްވުރެ އެއް މެޗް މަދުން ކުޅެފައިވާ މެންޗެސްޓާރ ސިޓީއެވެ. 

ލީގުގައި މިރޭ ވާދަކުރާނީ ގަދަ ހަތަރަކުން ޖާގަ ހޯދަން މަސައްކަތްކުރަމުންދާ އާސެނަލްއާއި ރެލިގޭޝަން ޒޯންގައި އޮތް މިޑްލްސްބްރާއެވެ.