ޚަބަރު

ފައިނު ބަނދަރު ރަސްމީކޮށް ހުޅުވަން ތައްޔާރުވެއްޖެ


ރ ފައިނު ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާ ރަސްމީގޮތުން ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

ރ ފައިނަށް ދިމާވެފައިވާ ލަފާ ފުރުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ އެރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހައްދަވާދެއްވާފައެވެ. އެމް.ޓީ.ސީސީއާއި ހަވާލުކުރައްވައިގެން ސަރުކާރުން ކުރިއަށްގެންދެވި މި މަޝްރޫޢުގެ މަސައްކަތް ނިންމާ ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީން ބުނެފައިވާއިރު، ހައުސިންގް މިނިސްޓްރީން ވަނީ މި މަހުގެ ތެރޭގައި ފައިނުގެ ބަނދަރު ރަސްމީކޮށް ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

ފައިނުގެ ބަނދަރަކީ ހަތަރު ސަތޭކަ ފަނަރަ ފޫޓް ދިގު ދުއިސައްތަ ފަސް ފޫޓް ފުޅާ ބަނދަރެކެވެ. މި ބަނދަރާއެކު ސަތޭކަ އައްޑިހަ އަށް ފޫޓްގެ އެއްގަމު ތޮއްޓެއްވެސް ވަނީ ލާފައެވެ. އަދި އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި ބޮޑު ހިލައިގެ ރިވެޓްމެންޓްވެސް ވަނީ ޖަހާފައެވެ. 

މި މަޝްރޫއަށް ގާތްގަނޑަކަށް ތިރީސް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޙަރަދުވެފައިވާކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅުއެވެ.