ޚަބަރު

ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރަން ފަށައިފި


އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެކަމަށެވެ. އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި، ޖުމްލަ ސާދަ ސަތޭކަ އަށްޑިހަ ހަތް ކެނޑިޑޭޓުން ވާދަކުރާނެއެވެ. މި ފަހަރުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީޕީއެމުން ފަސްސަތޭކަ ތޭވީސް ކެނޑިޑޭޓޫން ވާދަކުރާއިރު އިދިކޮޅު އެމްޑީޕީން ވާދަކުރަނީ ހަތަރު ސަތޭކަ ފަސްދޮޅަސް ނުވަ ކެނޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީން އަށްޑިހަ އެއް ކެނޑިޑޭޓުންނާއި އެމްޑީއޭއީން ފަންސާސް ކެނޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ. މީގެ އިތުރުން ޑީއާރުޕީން އެއް ކެނޑިޑޭޓާއި އަމިއްލަ ގޮތުން ތިންސަތޭކަ ފަސްދޮޅަސް ތިން ކެނޑިޑޭޓުން ވާދަކުރެއެވެ.

އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ފެށިގެން ކުރިޔަށްދާއިރު ލޯކަލް ކައުންސިލްގެ ދެން އަންނަ ދައުރަށް ހަތަރު ރަށު ކައުންސިލަކާއި، އަތޮޅު ކައުންސިލްގެ އެއް ދާއިރާއަކަށް އިންތިޚާބު ނުބައްވާ މެމްބަރުން ވަނީ ހޮވިފައެވެ. މިފަހަރުގެ އިންތިހާބުގައި ހަތަރު ސަތޭކަ ވިހި ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.