ޚަބަރު

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި


އެއްކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ސާޅީސް ފަސް އަހަރުގެ ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓުން ހިންގެވި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ސައްބީސް އަހަރު ބިދޭސީ ފިރިހެންނެއްކަމަށެވެ. އެހެންމަވެސް މި މީހުންނާއި ބެހޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ޑްރަގް އެންފޯރސްމަންޓް ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވިދާޅުވީ، މި ދެމީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ ޑިޕާޓްމަންޓަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެ ދެމީހުން ދުވާފައި ދިޔަ ސައިކަލް ހުއްޓުވާ ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.  

މި ދެމީހުން ދުއްވަމުންދިޔަ ސައިކަލް މަޑިދަށުން ސަތޭކަ ޕެކެޓް ހިރޮއިން ފެނިފައިވާކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެމީހުން ދިރިއުޅޭ ގެ ބަލާސްކުރުމުން އެ ގޭ ތެރެއިން ޖޫސްޕެޓީ ކޮތަޅުގެ ސައްބީސް ކޮތަޅު މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ދެމީހުން އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާ އަރާނެކަމަށްވެސް މޫސާ ޢަލީ ވިދާޅުވިއެވެ.  

"އެ ދެމީހުން ހުއްޓުވާފައިވަނީ އިއްޔެ ހަވީރު  15:24 ހާއިރު ލައިނޫފަރު މަގުން ސައިކަލެއްގައި ދަނިކޮށް.  އެމީހުން ހުއްޓުވައި ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 100 ރަބަރު ޕެކެޓް އެމީހުންގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ފެނިފައިވޭ. އަދި އެދުވަހުގެ ހަވީރު  16:17 ހާއިރު މިމައްސަލައިގަ ހިމެނޭ ދިވެހި މީހާ ދިރިއުޅޭ ގެއަށް ފުލުހުން ކޯޓު ޢަމުރެއްގެ ދަށުން ގޮސް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 26 ޖޫސްޕެޓީ ކޮތަޅާއި ހުސް ރަބަރު ކޮތަޅާއި، ޑިގިޓަލް ކައްޓާއަކާއި، ކުދި ރަބަރު ޕެކެޓް ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ މެޝިނަކާއި، މާސްކިންގ ޓޭޕްރޯލާއި އެހެނިހެން ބައެއް ސަމާނު ފެނިފައިވޭ. މިމައްސަލައިގަ އަތުލައިގެންފައިވާ ތަކެތި ލެބޯޓްރީން ތަހްލީލުކުރިކުރުމުން އެތަކެތީގެ ވަގުތީ ނަތީޖާއިން އެނގޭ ގޮތުގައި އެއީ ހެރޮއިން ނުވަތަ ބްރައުން ޝުގާރ" މޫސާ އަލީ ވިދާޅުވިއެވެ. 

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި އެކު އަތުލައިގެން ދެ މީހުންނަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއްކަމަށް ތުހުމަތުކުރެވޭކަމަށެވެ. ނަމަވެސް މި ދެ މީހުންގެ މަސްތުވާތަކެތީގެ އެއްވެސް ރިކޯޑެއް މިހާތަނަށް އޮތް ބައެއް ނޫންކަމަށް ފުލުހުން ވިދާޅުވެއެވެ.