އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދާ ށ.މިލަންދޫ ދިވެހި ލީގު ކޮލިފިކޭޝަން ބުރުން ޖާގަ ހޯދައިފިއެވެ.
މިލަންދޫ ޗެމްޕިއަންކަން ހޯދީ ދެލެގުގެ އެގްރިގޭޓުން ނ.އަތޮޅުގެ ޗެމްޕިއަން މާޅެންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުގެ މެޗު ށ.އަތޮޅުގައި ކުޅެ 1-0 ން ކާމިޔާބުކުރުމަށްފަހު މިއަދު ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ދެވަނަ ލެގުގެ މެޗު ކުޅުނީ ނ.ކެނދިކުޅުދޫގައެވެ. މިލަންދޫ ވަނީ މިދިޔަ އަހަރު ޒޯން ފައިނަލްގައި ނ.އަތޮޅު ޗެމްޕިއަން ޓީމް އަތުން ބަލިވެފައެވެ.
މިނަތީޖާއާއެކު އަށް ޒޯންގެ ޗެމްޕިއަނުން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ކޮލިފިކޭޝަން ބުރުން ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނިގެން ދިވެހި ލީގަށް ކޮލިފައިވުމުމުގެ ފުރުޞަތު މިލަންދޫ ޓީމަށް ވަނީ ތަނަވަސްވެފައެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ޒޯން ފަހެއްގައި ކުޅުނު މެޗު 3-2 ން ކާމިޔާބުކުރީ ފުލިދޫއެވެ. ވ.އަތޮޅުގެ ޗެމްޕިއަން ފުލިދޫ މެޗު ކާމިޔާބުކުރީ މ.އަތޮޅުގެ ޗެމްޕިއަން މުލަކާ ވާދަކޮށެވެ.