ވިޔަފާރި

މިނިސްޓަރ ޒޮކްވާނާ ފެލިވަރު މަސް ކާރުޙާނާ ބައްލަވާލައްވައިފި


ސައުތު އެފްރިކާގެ އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރ ސެންޒެނީ ޒޮކްވާނާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޅ.ފެލިވަރަށް ވަޑައިގެން، ފެލިވަރު މަސްކާރުޙާނާގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ ޒޮކްވާނާ ފެލިވަރަށް ވަޑައިގަތުމުން ފެލިވަރު މަސްކާރުޙާނާގެ މުވައްޒަފުންވަނީ މިނިސްޓަރ ޒޮކްވާނާއަށް ހޫނު މަރުހަބާއެއް ކިޔާފައިއެވެ.

މި ދަތުރުފުޅުގައި ޒޮކްވާނާ ވަނީ ޅ. އަތޮޅު ނައިފަރަށްވެސް މިއަދު ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެރަށުގައި މަސް ކެއްކުމުގެ މަސައްކަތާއި އޮޑި ދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވެއެވެ.

ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީގެ ދައުވަތަކަށް މިނިސްޓަރ ޒޮކްވާނާ ރާއްޖެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިނިސްޓަރ ޒޮކްވާނާ ރާއްޖެއަށް ވަޑައިގެންފައިވަނި، އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންނަށް ގުޅިފައިވާ ޤައުމުތަކުން ޤަރާރެއް އެކުލަވާލުމަށް އެކަމާއި ގުޅޭ މަޝްވާރަތައް ކުރުމަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ސަރަޙައްދީ އެގާރަ ޤައުމެއް ބައިވެރިވި ބައްދަލުވުމެއް ބާއްވާފައެއެވެ.