ކުޅިވަރު

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށައިފި


ނުވަ ޓީމާއެކު ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށައިފިއެވެ.

 މުބާރާތުގެ ފުރަތަމަ މެޗު ސްޕޯރޓްސް ކްލަބް މެކާނޯއާއި ވާދަކޮށް 2-0 ން ކާމިޔާބުކުރީ މަހިބަދޫ ސްޕޯރޓްސް ކްލަބެވެ. ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކުރި މަހިބަދޫ ޓީމްގެ ފުރަތަމަ ލަނޑު ޖެހީ އިސްމާއީލް ނަޒީރުއެވެ. ދެވަނަ ލަނޑު ޖެހީ މިދިޔަ އަހަރު ނިއުރޭޑިއަންޓަށް ކުޅުނު އިއްޒަތު އަބުދުލް ބާރީއެވެ. 

މިމުބާރާތް ކުރިއަށްގެންދަނީ މޯލްޑިވްސް ޕޯރސްޓް ލިމިޓެޑާއި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ އެހީތެރިކަމާއެކުގައެވެ. މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ދަ ގްރޭންޑް އަމީގޯސް ނިއުޖެނެރޭޝަން ސްޕޯރޓްސް ކަލަބާއި ޖޭޖޭ ސްޕޯރޓްސް ކްލަބެވެ. މުބާރާތުގައި ވާދަކުރާ ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ސެމީފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް ދެޓީމެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ގްރީން ސްޓްރީޓެވެ. އެޓީމް މިހާރު ވާދަކުރަމުންދަނީ ފުރަތަމަ ޑިވިޝަންގައެވެ.

ގްރޫޕް 1 ގައި ހިމެނޭ ޓީމްތައް:

1- ސްޕޯރޓްސް ކްލަބް މެކާނީ

2- މަހިބަދޫ ސްޕޯރޓްސް ކްލަބް

3- ދަ ގްރޭންޑް އަމީގޯސް ނިއުޖެނެރޭޝަން ސްޕޯރޓްސް ކްލަބް

4- ޖޭޖޭ ސްޕޯރޓްސް ކްލަބް

5- ކުޑަހެންވެއިރު ޔުނައިޓެޑް



ގްރޫޕް 2 ގައި ހިމެނޭ ޓީމްތަކަކީ:

1- ކްލަބް ޒެފްރޯލް

2- ކްލަބް ޕީކޭ

3- ވީކޭ ސްޕޯރޓްސް ކްލަބް

4- ބީޖީ ސްޕޯރޓްސް ކްލަބް