ކުޅިވަރު

ޓީއެފްޖީ ލޯންގް ރަންގެ ހަޤީޤީ ޗެމްޕިއަނުންނަކީ އޯޓިސްޓިކް ދެބެން


ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގައި 800 ދުވުންތެރިން ދުވިއެވެ. އެހުރިހާ ދުވުންތެރިން ނުވަތަ ބައިވެރިންނަކީވެސް ޗެމްޕިއަނުންނެވެ. ރޭސް ނިންމާ ކޮންމެ ބައިވެރިއަކުވެސް ދިޔައީ މެޑަލް އަޅުވައިގެންނެވެ. ރޭހުގެ ވަނަ ހޯދުން އެއީ އެރޭހުގެ އެންމެ މުޙިއްމު ޓާރގެޓެއް ނޫނެވެ. އެންމެ މުޙިންމު ކަމަކީ ރޭސް ނިންމުމެވެ.

800 ޗެމްޕިއަނުންގެ ތެރެއިންވެސް ހަޤީޤީ ޗެމްޕިއަނުންނަކީ މުޙައްމަދު އަމީން (މޯޑް) އާއި އަލީ އަމީން (އައްޔަ) އެވެ. އޯޓިސްޓިކް ދެބެން ހާފް މެރެތަން ނިންމުމަކީ ކުޑަކަމެއް ނޫނެވެ. އެދެބެން ދިން މެސެޖަކީ ވަރުގަދަ މެސެޖެކެވެ. ޗެލެންޖްކުރެވިދާނެކަމެވެ. ވާނެކަމެވެ. ދުޅަހެޔޮކަން ހޯދިދާނެކަމެވެ. މީގެތެރެއިންވެސް ޗެމްޕިއަނުންގެ ޗެމްޕިއަނަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގައި މަސައްކަތްކުރާ މޯޑްއެވެ. އައްޔަ ދުވުމުގެ ތެރެއަށް ނެރުމަށް ހިތްވަރުދިނީ މޯޑްއެވެ. ފުރަތަމަ ދުވަން ފެށީވެސް މޯޑްއެވެ.

img:http://s3.psmnews.mv/images/660x400/14922504476236.jpg|މޯޑް ދުވުމުގެ ކުރިން އޭނާ މަސައްކަތްކުރާ ޕީއެސްއެމްގެ ކްރޫއާއެކު. މޯޑް މަސައްކަްކުރަނީ ޕީއެސްއެމްގަ

ކުރިން ޗަބީކޮށް ހުރި މޯޑަކީ ކުރިން ފެށިގެންވެސް ދުވަމުން އައި ޒުވާނެކެވެ. އެކަނިމާއެކި ޓްރެކްގައި އެޒުވާނާ ދުވަމުން ދިޔައީ ތަންކޮޅެއް ފަލަވުމުން ހިކުމުގެ ބޭނުމުގައެވެ. އޭރު ކެއުމަށް ބެލުމެއް ނެތެވެ. އެނަރޖީ ޑްރިންކްތަކަށް ހުރީ ދެވި ހިފާފައެވެ. އެކަނި ދުވަމުން ދިޔަ މޯޑްގެ އަތުގައި ހިފީ ކޯޗު ހުސެއިން ސުޖާއުއެވެ. އޭނާގެ އާއިލާ ބަޔަކަށް މޯޑް ދުވަނިކޮށް ފެނި، މޯޑްއާ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން އެކަން އައި ރަނަރސްގެ ކޯޗު ސުޖާއާ ހަމައަށް އައިސް، އެޒުވާނާއަށް އެހީވުމުގެ ޝައުޤުވެރިކަން އުފެދުނީއެވެ. އެއީ މީގެ އަހަރެއްހާ ދުވަސްކުރިއެވެ. ސުޖާގެ އިރުޝާދުގެ ދަށުން މޯޑް ދުވާތާ އަހަރަކާ ތިން މަސްވަރު ވެއްޖެއެވެ. އައްޔަވެސް ސުޖާގެ އިރުޝާދު ހޯދާތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. 

img:http://s3.psmnews.mv/images/660x400/14922505223287.jpg|މޯޑް ކޯޗު ސުޖާއާއެކު ދުވަނީ: ފޮޓޯ-އައި ރަނަރސް

މޯޑް ސުޖާއާއެކު ކުރަން ފެށި މަސައްކަތުން އެންމެ 3 މަސްތެރޭގައި ބޮޑު ކުރިއެރުމެއް ފެނުނެއެވެ. އެއީ ބަރުދަން ލުއިކޮށް، ހިކުމެވެ. އެނަތީޖާ ހާޞިލްކުރުމަށް ކެއުމަށް ބަދަލުތަކެއް ގެނެސް އެނަރޖީ ޑްރިންކްސްތަކާ ދުރަށް ދިޔައެެވެ. މޯޑްގެ ހަށި ގަނޑަށް އައި ބޮޑު ބަދަލު ވެގެންދިޔައީ އައްޔަ ޓްރެކަށް ނިކުއިން ސަބަބަށެވެ. ސުޖާއާއެކު އައްޔަ ދުވަސް ފެށީ މޯޑްއަށް އައި ބަދަލު ފެނި ހިތްވަރު ލިބިގެންނެވެ. 

img:http://s4.psmnews.mv/images/660x400/14922505665806.jpg|އައްޔަ ރޭހުގައި ދުވަނީ: ފޮޓޯ-އައި ރަނަރސް

" މޯޑް ވަރަށް ބަރާބަރުވާނެ. ގަޑިއަށް އަންނާނެ. ޢާއްމްކޮށް އެންމެ ކުރިން އޭނާ އަންނާނެ. 15 މިނިޓް ކުރިން އޭނާ އައިސް ހުންނާނެ. ނާދެވިއްޖެނަމަ ގުޅާ ހަދަންވީގޮތް އޮޅުން ފިލުވާ ދުވަހުގެ ކޮންމެވެސް އެހެން ގަޑިއެއްގައި ނަމަވެސް ދުވާނެ. " މޯޑްގެ ޝައުޤާއި ހިތްވަރު ފާހަގަކޮށް ކޯޗު ސުޖާ ބުންޏެވެ.

ލޯންގް ރަންގައި ބައިވެރިވެ، މެރެތަން ފުރިހަމަކުރުމުގެ ވިސްނުން އައީ މާލެ ވަށާ ބުރު ފުރިހަމަ ކުރެވުނު ހިސާބުންނެވެ. އޭގެފަހުން ފަހަރަކު މަރުހަލާއެއް ކަޑައްތުކޮށް، ކުރިއެރުން ހޯދަމުން އައްޔައާއި މޯޑްވެސް މީގެ 3 މަސް ކުރިން ސީދާ ހާފް މެރަތަންއަށް ތައްޔާރުވާން ފެށިއެވެ. އެދެމީހުންނާއެކު އެމީހުންގެ ކަޒިންއެއްކަމަށްވާ 35 އަހަރުގެ އަލީ އަޔާޒުވެސް ދުވަސް ފެށިއެވެ. 3 މަސްތެރޭގައި ހާފް މެރަތަން ނިންމޭވަރަށް މޯޑްއާއި އައްޔަ ތަމްރީންވެ ތައްޔާރުވިއެވެ. ބޭބެ އަޔާޒްވެސް ވަނީ 10 ކިލޯ މީޓަރުގެ ރޭސް ފުރިހަމަކޮށްފައެވެ. މިއީ ޗެލެންޖިންގ ބޮޑު މަސައްކަތެކެވެ. ނަމަވެސް މެސެޖް ވަރަށް ވަރުގަދައެވެ. އެދެ ޒުވާނުން ދިން މެސެޖަކީ ވާނެކަމުގެ މެސެޖެވެ. 

img:http://s3.psmnews.mv/images/660x400/14922506143544.jpg|އަޔާޒު 10 ކިލޯމީޓަރުގެ ރޭސް ނިންމަނީ: ފޮޓޯ-އައި ރަނަރސް

" ޗެލެންޖިންގ ކަމެއް މިއީ. އެކުދިންނަށް އަސްލު ނޭންގޭނެ ރަނގަޅަށް ދުވާކަށް. ފައި އަޅާނެ ގޮތާއި، ފައި ނަގާނެ ގޮތްވެް ޖެހޭނީ ކިޔައިދޭން. ދަސްކޮށްދޭން. ނަމަވެސް އެކުދިން އެކަން ފުރިހަމަކުރުން މިއީ އަޅުގަނޑަށްވެސް ލިބުނު ފަރަށް ބޮޑު ފަޚްރެއް. ވަރަށް ޕްރައުޑްވޭ. އަޅުގަނޑު ރޭސް ފެށީވެސް އެކުދިންނާއެކީ. ރޭސް ނިންމާފަ ފަހުން ގޮސް އައްޔައާއެކީ އައީ. މޯޑް ރޭސް ނިންމައިފި މާކުރިން " ކުރެވުނު މަސައްކަތާމެދު ފަޚްރުވެރިވެފައި ހުރި ސުޖާ ބުންޏެވެ.

މިވަރުގަދަ މެސެޖާއެކު މޯޑްއާއި އައްޔަ އަދި އަޔާޒަކީވެސް ޗެމްޕިއަނުންނެވެ. ރޭހުގެ ހަޤީޤީ ޗެމްޕިއަނުންނެވެ. މި މެސެޖުން ލިބިގަންނަންވީ ފިލާވަޅަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށްވެސް އެހީތެރިވެ، ނަތީޖާ ހާޞިލްކޮށްދިނުމުގެ މެސެޖެވެ. ކޮންމެ މީހަކަށްވެސް މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަމުގެ މެސެޖެވެ. ފުރިހަމަ ޞިއްހަތަކަށާ ކަސްރަތުގެ މުޙިންމުކަމެވެ. ފުރިހަމަ ދުޅަހެޔޮ ޞިއްހަތެއްގައި ދެމިހުރެވޭނެކަމުގެ މެސެޖެވެ.