ވިޔަފާރި

ފ.އަތޮޅު މަޝްރޫޢަކީ ސިއްރުން ކުރާކަމެއް ނޫން !


ސަޢޫދީ ޢަރަބިއްޔާއިން ފ.އަތޮޅުގައި ކުރިއަށްގެންދަން މަޝްވަރާ ކުރަމުންދާ މަޝްރޫޢަކީ ސިއްރުން ކުރިއަށްގެންދާ ކަމެއް ނޫންކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ހިންގަވަން އުޅުއްވާ ވަރަށް މުހިއްމު މަޝްރޫޢެއް ކަމަށް އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙްމަދު ސަރީރު ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ނެރޭ ދުވަހު ނޫހެއް ކަމަށްވާ ދަ ނިއުޔޯކް ޓައިމްސްގައި، މިދިޔަ މާރޗުމަހުގެ ސައްބީސްވަނަ ދުވަހު ލިޔެފައިވާ އާޓިކަލަކާ ގުޅިގެން އެ ނޫހުގެ އޮޕީނިއަން ޕޭޖަށް، ސަރީރު ފޮނުއްވި ސިޓީފުޅެއްގައި ވަނީ އެފަދަ އާޓިކަލްތަކުގެ ސަބަބުން ދުނިޔެއަށް ދެވެނީ މިއިންވެސްޓްމަންޓާ ގުޅޭ ނުބައި މަޢުލޫމާތުކަމަށެވެ. 

ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަޞައްވުރު ބަދަލުކޮށް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި އިންޤީލާބީ ބަދަލުތަކެއް ސަރުކާރުން ގެންނަވާކަން ސަރުކާރުން ހާމަކުރައްވައެވެ. އެގޮތުން ދިވެހިރާއްޖޭގެ އިޤްތިޞާދު މީގެ ކުރިން ބޭރުގެ އިންވެސްޓަރުންނަށް ހުޅުއްވާ ނުލައްވާ ވަރަށް ވޭތުވެ ދިޔަތިން އަހަރުގެ ތެރޭގައި ހުޅުއްވާލައްވާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. 

ދިވެހިރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ފަތުރުވެރިކަމުގެ ސިނާޢަތެކޭ އެއްގޮތަށް އެހެން ސިނާޢަތްތައް ކުރިއެރުވުމަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތެކެވެ. ސަރުކާރުން ހާމަކުރައްވާގޮތުގައި މިކަމަށްޓަކައި ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެންނަވައި، އެ ފަރާތްތަކަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނީ ނިޒާމުގެ ތެރެއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ސަރުކާރުން މިކަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސިޔާދަތާއި، އިސްތިޤްލާލަށް ބުރޫނާރާގޮތަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ބިމާބެހޭ ޤާނޫނަށް ގެންނެވި އިސްލާޙަކީވެސް ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަމަށް ބުރޫނާރާގޮތަށް ގެނެސްފައިވާ އިސްލާހުތަކެވެ.

ފ.އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދަވާނެކަމަށް އިޢުލާނުކުރެއްވި ބިޔަ މަޝްރޫޢާ ގުޅިގެން ރާއްޖޭގެ، ސިޔާސީ އިދިކޮޅު ފަރާތްތަކުންވަނީ ފ.އަތޮޅު އެއްކޮށް ސަޢޫދީ ޢަރަބިއްއާއަށް ވިއްކާލަނީ ކަމަށް ބުނެ އަޑު ފަތުރާފައެވެ. އަދި މި އަޑުތަކާގުޅިގެން ދުނިޔޭގެ ބައެއް ނޫސްތަކުގައިވެސް މިމަޝްރޫޢުގެ ޙަޤީގަތް އޮޅޭގޮތަށް ވާހަކަތައް ޝާއިޢުކޮށްފައިވެއެވެ. އެގޮތުން ނިޔުޔޯކް ޓައިމްގައި މާރޗް މަހުގެ ފަހުކޮޅު ޝާއިޢުކޮށްފައިވާ ލިޔުމެއްގައި، މިމަޝްރޫޢުގެ ތަޞައްވުރު އޮޅޭގޮތަށް ވާހަކަތައް ހިމަނާފައިވެއެވެ. ނިޔުޔޯކް ޓައިމްގައި ލިޔެފައިވަނީ، ދިވެހި ސަރުކާރުން ފާފު އަތޮޅު ވިއްކާލަން ނިންމާފައިވާކަމަށާ، މިކަމާ ފ.އަތޮޅުގެ ރައްޔިތުންވެސް ތިބީ ބިރުންކަމަށެވެ.

އެހެން ނަމަވެސް ފ.އަތޮޅަށް ޕީއެސްއެމްގެ ޓީމުން ދާދި ފަހުން ކުރި ދަތުރުގައިވެސް އެ އަތޮޅުގެ ރައްޔިތުންވަނީ މި އިންވެސްޓްމަންޓާ މެދު އުފަލުން ތިބި ކަމަށް ބުނެފައެވެ. އަދި އެކަމަށް އެ އަތޮޅުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނިޔުޔޯކް ޓައިމްގައި ޝާއިޢު ކޮށްފައިވާ ލިއުމަށް ރައްދުދެއްވަމުން އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙްމަދު ސަރީރު ވިދާޅުވީ ސަރުކާރުން ދުވަހަކުވެސް ބަޔަކު ގަދަ ކަމުން ރަށަކުން ބާލާފައި ނުވާނެ ކަމަށާ، މީހުން ބަދަލުކުރުމުގެ މަސައްކަތް މިހާތަނަށްވެސް ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ މީހުންގެ ރުހުމާއި އެކުގައި ކަމަށެވެ. އަދި އެގޮތަށް މީހުން އެހެން ރަށަކަށް ބަދަލުކުކޮށްފައިވާނީވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް، ވަސީލަތްތައް ފަހިވާނެ ރަށްރަށަށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. 

ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށް ރަށްރަށުގެ ޢިޖްތިމާއީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައިވެސް، މީގެ ކުރިން ރާއްޖޭގައި ހިންގާފައިނުވާވަރަށް ބިންހިއްކުމުގެ މަޝްރޫޢު ހިންގާފައިވެއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ޙިއްޞާ ކުރަނީ ފަތުރުވެރިކަން ކަމަށްވާއިރު، ފ. އަތޮޅުގައި ސަރުކާރުން ހިންގަވަން އުޅޭ މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ސިނާޢަތުގެ އަގާ ދާދި އެއްވަރުގެ މަސްރޫއެއްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ ދިވެހިންގެ މުއްސަނދިކަން ދެގުނައަށް އިތުރުވެގެންދާނެއެވެ. އެއީ 10 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓެކެވެ.

މި އިންވެސްޓްމަންޓާ ގުޅިގެން ފަތުރަމުންދާ ޙަޤީޤަތާ ޚިލާފް ވާހަކަތަކަށް ރައްދުދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވަނީ، އިސްލާމް ދީނާއި، ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާފަދަ، ދިވެހިންގެ ބިންތައްކުގެ މައްޗަށް ބާރު ނުހިނގާ ގޮތަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި ދިވެހިންގެ ބިންތައް ބޭނުންކުރައްވާނީ ދިވެހިންގެ ލަބަޔާ މަންފާއަށް ކަމުގެ ކަށަވަރުކަންވެސް އެމަނިކުފާނުވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.