ވިޔަފާރި

ހިންނަވަރުގައި ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ތަޢާރަފްކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން ހިންނަވަރުގައި ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް މިއަދު ތަޢާރަފްކޮށްފިއެވެ.

ހިންނަވަރު ބަނދަރު ސަރަޙައްދުގައި ހުންނަ މިސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފެވެ.

މި އާ އޭޓީއެމް ބޭނުންކޮށްގެން ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ހިންނަވަރުގެ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް 24 ގަޑިއިރު ލިބެމުންދާނެ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

ހިންނަވަރުގައި އޭޓީއެމްގެ ޚިދުމަތް ދޭންފަށާފައި މިވަނީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްއެއްގެ ޚިދުމަތް ހިންނަވަރުގައި ޤާއިމްކޮށް މިރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމެއް ފޯރުކޮށްދެވުމަކީ އެ ބޭންކަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. 

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 85 އޭޓީއެމް، 27 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ބީއެމްއެލުން އަންނަނީ ބޭންކިންގެ ޙިދުމަތް ދެމުންނެވެ.