ކުޅިވަރު

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން ނިންމާލައިފި


ޖުމުލަ 800 ދުވުންތެރިންނާއެކު ފެށި ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. 

ރާއްޖޭގެ އިތުރުން ދުނިޔޭގެ ނަވާރަ ޤައުމެއްގެ ދުވުންތެރިން ބައިވެރިވި މި ރޭސް ހުޅުމާލޭ ބާބަކިޔު ސަރައްޙައްދުން ފެށްޓީ ރޭ ތިންގަޑި ވިހި ހާއިރުއެވެ. އެއީ ހުޅުމާލެ ވަށާ އަށްބުރު ޖަހާގޮތަށް ކުރިޔަތް ގެންދިޔަ ފުލް މެރަތަންއެކެވެ. އޭގެފަހުން ހެނދުނު ހަގަޑި ވިހީގައި ކުރިޔަށް ގެންދިޔައީ ހާފް މެރަތަންގެ ދުވުމެވެ. އެއީ ހުޅުމާލެ ވަށާ ހަތަރު ބުރުން ޖަހާގޮތަށް ކުރިޔަށް ގެންދިޔަ އިވެންޓެކެވެ. އޭގެފަހުން ކުރިޔަށް ގެންދިޔައީ ދިހަ ކިލޯ މީޓަރާއި ފަސް ކިލޯ މީޓަރުގެ ދުވުމެވެ. 

ޓީއެފްޖީގެ ޑިރެކްޓަރ ޙުސައިން ޒިނާން ވިދާޅުވީ މި ރޭސް ބޭއްވުމުގެ މަޤްޞަދު ވަރަށް ރަނގަޅަށް ޙާސިލް ވަމުން އަންނަ ކަމުގައެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތަކީ ކިހާ މުހިންމު އެއްޗެއްކަން ދިވެހިންނަށް މިހާރު ވަރަށް ރަނގަޅަށް އެނގޭ ކަމަށް ޒިނާން ވިދާޅުވިއެވެ. އަހަރުން އަހަރަށް މި ރޭހަށް ލިބޭ ތަރުޙީބުން އެކަން ހާމަވާކަމަށާއި އަމާޒަކީ އަންނަ އަހަރު ފަނަރަސަތޭކެ ދުވުންތެރިންނަށް ފުރުޞަތު ދިނުން ކަމަށެވެ. މިރޭހުގައި އެމެރިކާގެ މެރަތަން ދުވުން ތެރިޔާ ބްރެއިޓްވީނާ ވަނީ ދުވެފައެވެ. 

މީ އޭނާ ފުރިހަމަ ކުރި ދުއިސައްތަ އަށްޑިހަ ތިންވަނަ މެރަތަން ކަމަށް ވީނާއާއެކު މެރަތަން ފުރިހަމަކުރި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ޙުސައިން ޙަލީމް ވިދާޅުވިއެވެ. ޙުސައިން ވިދާޅުވީ ރޭސް އަވަހަށް ނިންމުމުގެ ބަދަލްގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ބްރައިޓް ވީނާގެ ފަރާތުން އެއްޗެއް ދަސްކޮށް ތަޖުރިބާ ހޯދުމަށް ކަމަށެވެ. ޓީއެފްޖީ ކޮކާކޯލާ ލޯންގްރަން އެންމެ ފުރަތަމަ ބާއްވާފައިވަނީ ދެހާސް ތޭރަވަނަ އަހަރުއެވެ.