ހިތުގެ ވިންދު ޖެހުމުގައި ދިމާވާ މައްސަލަތަކަށް ޓެކްނޮލެޖީގެ އެހީގައި ދެވޭ އެންމެ ފަހުގެ ފަރުވާ، އައިޖީއެމްއެޗުގައި ޤާއިމްކުރައްވާފައިވާ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ފުރަތަމަ ފަހަރަށް ދީފިއެވެ.
އައިޖީއެމްއެޗު ކެތު ލެބްގައި އަލަށް ފެށި މިޚިދުމަތަކީ މިސަރަޙައްދުގެ ޤައުމުތަކުގައި ހުރި ބައެއް ކެތްލެބުންވެސް ލިބެން ނެތް ޚިދުމަތެއް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އައި.ޖީ.އެމް.އެޗްގައި ނެޝަނަލް ކާޑިއެކް ސެންޓަރެއް ޤާއިމުކޮށް އެތަނުގެ ޚިދުމަށް ދޭން ފަށާފައިވަނީ މިދިޔަ އަހަރު ޖޫންމަހުގެ ފަސްވަނަ ދުވަހުއެވެ.
މިސެންޓަރު ހުޅުވުން، ވެގެންދިޔައީ ރާއްޖޭގައި ހިތުގެބަލީގެ ފަރުވާ ހޯދަމުންދާ މީހުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. ކާޑިއެކް ސެންޓަރުން ދެއްވާ ޚިދުމަތްތައް ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އަނެއްކާވެސް މިވަނީ މުޅިން އައު ޚިދުމަތެއް ދެއްވަން ފަށްޓަވާފައެވެ. މިއީ ހިތުގެ ވިންދު ޖެހުމުގައި ދިމާވާ މައްސަލަތަކަށް ޓެކްނޮލެޖީގެ އެހީގައި ދެވޭ އެންމެ ފަހުގެ ފަރުވާއެވެ. އަލަށް ފެށި މި ޚިދުމަތަކީ މި ސަރަހައްދުގެ ބައެއް ޤައުމުތަކުން އަދި ލިބެން ނެތް ހިދުމަތެކެވެ.
އައިޖީއެމްއެޗު ކެތު ލެބްގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ސީނިއަރ ކޮންސަލްޓަންޓް ކާރޑިއޮލޮޖީ ޑރ. އަލީ ޝަފީޤް ވިދާޅުވީ، މިއީ އައިޖީއެމްއެޗަށާއި ރާއްޖޭގެ މުޅި ސިއްޙީ ދާއިރާއަށްވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރުން މިހާތަނަށްވަނީ އެއްހާހަށްވުރެ ގިނަ ޕޮރޮސީޖާރ ހަދާފައެވެ. އަދި ހަތަރު ސަތޭކައަށްވުރެ ގިނަ އެންޖިއޯ ޕްލާސްޓީ ހަދާ 16 ޕޭސް މޭކަރ ލައްވާފައެވެ. ޑރ.ޢަލީ ޝަފީޤް ވިދާޅުވީ، ކެތްލެބުން ދެއްވާ ޚިދުމަތްތައް ރައްޔިތުން ބަލައިގެނެފައިވާ ކަމަށެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރުން ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި، އެންޖިއޯގްރަފީއާއި އެންޖިއޯ ޕްލާސްޓީ ހެދުމުގެ ޚިދްމަތާއި ހިތުގެ ޕްރެޝަރު ބެލުން ހިމެނެއެވެ. އަދި މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ފަރުވާ ކުރެވޭނޭ އިންތިޒާމްވެސް އެ ސެންޓަރުގައި ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި އުފެދުމުގައި، ހިތުގައި ހެދޭ ލޯވަޅު އޮޕަރޭޝަނަކާ ނުލައި ރަނގަޅުކުރުމުގެ ޚިދުމަތްވެސް ހިމެނެއެވެ.