ކުޅިވަރު

ނަޒީހުއަށް ވަގުތު ބޭނުން، 3 ޕޮއިންޓުން ސޮބާ ހިތްހަމަ ޖެހޭ!


ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް، އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓް 7 ޕޮއިންޓް ހަމަކޮށްފިއެވެ.

ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓުން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް މިރޭ ކުރި ހޯދީ 1-0 ނެވެ. މުޙައްމަދު އާތިފް އިސްތިއުފާ ދިނުމުން މުޙައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ނިކުއިން ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ގްރީން ސްޓްރީޓުން ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ އޭރިޔާ ތެރޭން ޔޫވީގެ ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ސޯބޯލް އިއްލިއާއެވެ. މުޅި މެޗުގައިވެސް ގްރީން ސްޓްރީޓަށް ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައެއް ނުވެއެވެ.

މެޗަށްފަހު ކޯޗު ޞަބާހު މުޙައްމަދުވެސް ބުނީ ލީގުގައި ކުރިން ކުޅުނު ތިން މެޗަށްވުރެ މިރޭގެ މެޗުގައި ޓީމްގެ ކުޅުން ދަށްކަމަށެވެ. ނަމަވެސް ހާޞިލްކުރަން ބޭނުންވި ކަންތައް ހާޞިލްވުމުން ހިތްހަމަޖެހޭކަމަށް ޞަބާ ބުންޏެވެ. އޭނާ ބުނީ ބޭނުންވީ ކޮންމެ ގޮތަކުންވެސް ތިން ޕޮއިންޓް ޖީބަށްލާން ކަމަށާއި، ގްރީން ސްޓްރީޓަށް ނަތީޖާ ނެރި އެއްފެންވަރެއްގައި ހިފެހެއްޓޭނީ ކުޅުންތެރިން %150 ދީގެން ކަމަށެވެ.

" ހަތަރު މެޗުން ހަތް ޕޮއިންޓް ލިބި ގަދަ ހަތަރެއްގެ ތެރޭގައި އޮންނަން އިތުރު ފުރުޞަތެއް ލިބުމުން ހިތްހަމަ ޖެހޭ. އެހެންނަމަވެސް މިދިޔަ ތިން މެޗަށްވުރެ މިރޭގެ މެޗުގައި ޓީމް ފެނުނީ އާދައިގެކޮށް " މެޗަށްފަހު ޞަބާ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހު ބުނީ އަދި މިއީ އޭނާގެ ޓީމެއް ނޫންކަމަށާއި، އެޓީމް އޭނާގެ ޓީމަށް ހަދަން 15 ވަރަކަށް ދުވަސް ބޭނުންވާނެކަމަށެވެ. ޓީމްގައި ތިބި ކުޅުންތެރިންގެ ގައިގަ 90 މިނިޓް ފުރިހަމަކުރެވޭ ވަރު ނެތްކަމަށާއި، ނަތީޖާ ނެރެވޭނީ އެކަން ރަނގަޅުކޮށް، ޓީމަށް ބަދަލުތަކެއްވެސް ގެނެސްގެންކަމަށް ނަޒީހު ބުންޏެވެ.

" ގްރީން ސްޓްރީޓަށް މުޅި މެޗުގައިވެސް ކްލިއަރ އެންމެ ޗާންސެއްވެސް ނުލިބޭ. ދެން ޔުނައިޓެޑް ވިކްޓްރީގަ އަދި މިއޮތީ އަހަރެންގެ ޓީމެއް ނޫން. ޖޫން ޓްރާންސްފަރގައި ބިދޭސީ ކުޅުންތެރިންނާއި، ލިބޭނަމަ ލޯކަލް ޑިފެންޑަރެއްވެސް ހޯދަންޖެހޭ. ހޯލްޑިންގ މިޑްފީލްޑަރެއް ބޭނުންވޭ. މިޓީމް ރަނގަޅު ކުރެވޭނެ. ނަތީޖާ ނެރެވޭނެ " ނަޒީހު ބުންޏެވެ.

މިރޭގެ މޮޅާއެކު ގްރީން ސްޓްރީޓް އޮތީ 4 މެޗުން 7 ޕޮއިންޓާއެކުގައެވެ. އީގަލްސްއާއި ޓީސީއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ މޮޅެއް ނުލިބި ތާވަލްގެ ފުލުގައެވެ.