ވިޔަފާރި

އިމްޕޯޓް ޑިއުޓީގެ ގޮތުގައި 171 މިލިއަން ރުފިޔާ ލިބިއްޖެ


އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ހުސްވި މާރޗުމަހު ދަޢުލަތަށް 171 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ 2016 ވަނަ އަހަރުގެ މާރޗްމަހު ލިބިފައިވާ ދުއިސައްތަ ތޭވީސް މިލިއަން ރުފިޔާއާ އަޅާބަލާއިރު ތޭވީސް އިންސައްތަ ދަށް އަދަދެކެވެ. ކަސްޓަމްސްއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި މާރޗުމަހު ރާއްޖެއަށް ތިން ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. މިއީ 2016 ވަނަ އަހަރުގެ މާރޗްމަހާ އަޅާބަލާއިރު ހަ އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީއިންނާއި އިންޑިޔާ، ސިންގަޕޫރު އަދި ޗައިނާގެ އިތުރުން ސްރީލަންކާއިންނެވެ. އެގޮތުން އިމްޕޯޓްކޮށްފައިވާ މުދަލުގެ 20 އިންސައްތައަކީ ޔޫއޭއީއިން އެތެރެކޮށްފައިވާ މުދާކަން ފާހަގަކޮށްލެވެއެވެ.

ފާއިތުވި މާޗްމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ މާޗުމަހާ އަޅާބަލާއިރު ސަތާރަ އިންސައްތަ ދަށަށްގޮސްފައެވެ. މިދިޔަ އަހަރުގެ މާރޗުމަހު 301.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިއަހަރުގެ މާރޗުމަހު މި ޢަދަދު ވަނީ 249 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.  

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށް ވާއިރު މިދިޔަ މާޗްމަހު އެކްސްޕޯޓްކުރި މުދަލުގެ 18 އިންސައްތަ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.