ވިޔަފާރި

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޖޫރިމަނާ މާޢާފް ކުރަނީ


ލުއި އުސޫލެއްގެ ދަށުން، ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ހުރިހާ ޖޫރިމަނާތައް މަޢާފު ކޮށްދިނުމަށް މިރާއިން ހަމަޖައްސަވައިފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކުރައްވާގޮތުގައި މިއީ މީރާއިން ޖޫރިމަނާ މަޢާފު ކުރުމުގައި މިހާރު ޢަމަލު ކުރަމުންދާ ޢާއްމު އުސޫލުގެ އިތުރުން، ކުދި ވިޔަފާރިތަކަށް ދެވޭ ޚާއްޞަ ޢިނާޔަތެއް ކަމަށެވެ. އަދި އެފަދަ ފަރާތްތައް މި ނިޒާމުގެ ތެރެއަށް އެނބުރި އައުމަށްޓަކައި އެހީތެރިވެދިނުމުގެ ގޮތުން އަންނަ ޖޫންމަހުގެ ތިރީހުގެ ނިޔަލަށް ދެވޭ ފުރުޞަތެއް ކަމަށްވެސް މީރާއިން ހާމަކުރައްވައެވެ.

މި އުސޫލުގެ ދަށުން މަޢާފު ކޮށްދެވޭނީ، އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން، ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީޕީޓީ އަދި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީ އާ ގުޅިގެން މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގައި އެ އޮތޯރިޓީއަށް ހުށައެޅުމުން ކަމަށް މީރާއިން ހާމަކުރައްވައެވެ.

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ޖޫރިމަނާތައް މަޢާފް ކުރެއްވުމަށް މީރާއިން ނިންމެވުމާގުޅިގެން، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ މަރުޙަބާވިދާޅުވެފައެވެ.

ކުދި ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން މި އަހަރުގެ ތެރޭގައި މީރާއިން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އޭގެތެރޭގައި އަމިއްލަ ފަރުދުން އަދި ޑީމްޑް ޕާރޓްނަރޝިޕް ތަކުން އެ އޮތޯރިޓީގައި ރަޖިސްޓަރީކުރުމުގައި ބަލާ އާމްދަނީގެ ޝަރުތު، އެވްރެޖްކޮށް މަހަކަށް 40،000 ރުފިޔާއަށް އިތުރު ކުރުމާއި، އެ ފަދަ ފަރާތްތަކުން، އަހަރެއްގެ ތެރޭގައި 1 މިލިއަން ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭނަމަ ނުވަތަ ޓެކްސް ބިނާކުރެވޭ ފައިދާ 500،000 ރުފިޔާ އަށްވުރެ އިތުރު ނުވާނަމަ، ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި ކުދި ވިޔަފާރިތަކުން، ހިސާބުތައް ބެލެހެއްޓުމުގައި "ކޭޝް ބޭސިސް" އިޚުތިޔާރުކުރުމުގެ ފުރުޞަތު ދިނުމާއި، އެ އޮތޯރިޓީއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުން ފަދަ ލުއިތައް ވެސް ދީފައިވެއެވެ.