ޚަބަރު

ރިޔާޒު ބަންދުގައި ބެހެއްޓޭކަށް ނެތް- ކޯޓު


ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީޢަތްތައް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

ޤާނޫނުލް ޢުޤޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ރިޔާޒުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއެވެ. މިމައްސަލައިގެ ޝަރީޢަތް މިއަދު ފައްޓަވާފައިވާއިރު، ދައުލަތުގެ ފަރާތުން މިއަދުވަނީ، ފުލުހުން ބަލަމުންދާ މައްސަލައަކަށް އޭނާ އެއްބާރުލުން ދެމުންނުދާތީ ޢަބްދުﷲ ރިޔާޒްގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ޢަބްދުﷲ ރިޔާޒް މިމައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރާކަމަށް ދައުލަތުން ބުނެފައިވާތީއާއި، ދައުލަތުން އެގޮތަށް އެދިފައިވަނީ، ޝަރީޢަތަށް ހުށައެޅިފައިވާ މައްސަލަ ނޫން އެހެން މައްސަލައަކަށް ރިޢާޔަތްކޮށްކަމުން އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ޤާޟީ ވަނީ ކަނޑައަޅުއްވާފައެވެ.

ޢަބްދުﷲ ރިޔާޟްގެ މައްޗަށް ދައުލަތުން ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ އުފުއްލަވާފައިވަނީ މާރޗް މަހުގެ 26 ވަނަދުވަހުގެރޭ ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމުން، އެފޯނުގެ ލޮކް ކޯޑް ޖަހާދިނުމަށް ރިޔާޒް އިންކާރުކޮށްފައިވާތީއެވެ.

މިދަޢުވާއަށް ރިޔާޒްވަނީ އިންކާރުކުރައްވާފައި، އަދި ދައުވާއަށް ޖަވާބުދާރީވުމަށް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ޢަބްދުﷲ ރިޔާޒަށް ވަނީ ދެއްވާފައެވެ.